ޚަބަރު

އެންމެ އަލިގަދަތަރީގެ ގްރޭންޑް ފިނާލޭ މިރޭ އޮންނާނެ


ޕީއެސްއެމްގެ ޓީވީއެމުން ކޮންމެ ރަމަޟާން މަހަކު ގެނެސްދެމުން އަންނަ އެންމެ އަލިގަދަތަރީގެ މިއަހަރުގެ މުބާރާތުގެ ގްރޭންޑް ފިނާލޭ މިރޭ އޮންނާނެއެވެ. ފައިނަލްގައި ތިން ބައިވެރިން ވާދަކުރެއެވެ.

ޓެލެވިޜަން މޯލްޑިވްސުން ރަމަޟާންމަހު ދައްކަންފެށި ޕްރޮގްރާމްތަކުގެ ތެރެއިން ޢާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި، ޤުރުއާން މުބާރާތަކީ، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ޢާންމުކޮށް ހުޅުވާލައިގެން ޒުވާނުންނާއި އޭގެ މަތީ ޢުމުރުފުރާތަކުގެ މީހުންނަށް ޚާއްސަކޮށްގެން ބާއްވާ ޤުރުއާން މުބާރާތެކެވެ. މި ޕްރޮގްރާމްގެ މަޤްބޫލްކަން އެއްއަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުންނެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އޮޑިޝަންތަކުން ހޮވުނު ގަދަ 12 ބައިވެރިންނާއެކު ފެށި ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި 1438 ގެ ގަދަ ތިން ބައިވެރިން މިހާރު ވަނީ ޔަޤީންވެފައެވެ. އެއީ އަލްގާރީ މުހައްމަދު އިސްމާއިލް، ފާތިމަތު މަލްދާ މުހައްމަދު އަދި ނަސްރަތު އިސްމާއިލްއެވެ.

އަލިގަދަ ތަރީގެ ބައިވެރިންނަށް މާކްސް ދިނުމުގައި ބަލަނީ، ކިޔެވުމުގެ ބައިން 90 މާކްސް، އަދި ތަޖުވީދުގެ ސުލާވާލުތައް ހިމެނޭ ބަޔަށް 10 މާކްސްއެވެ.

ގަދަ ތިން ބައިވެރިންނާއެކު ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި 1438 ގެ ފައިނަލް ކުލަގަދަގޮތެއްގައި ބޭއްވުމަށް ޕްރޮގްރާމްގެ ޕްރޮޑަކްޝަން ޓީމުން އަންނަނީ މަސައްކަތްކުރަމުންނެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އެހީތެރިކަމާއެކު، ކުރިއަށްގެންދާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި 1438ން އެއްވަނައަށްދާ ފަރާތަކަށް ފަސްލައްކަ ރުފިޔާގެ އަގުހުރި އިނާމެއް ވަނީ ހުށަހަޅާފައެވެ. އިތުރު ވަނަތަކަށް ހޮވޭ ބައިވެރިންނަށް ޙައްޖުދަތުރާއި، ސްކޮލަޝިޕްތަކުގެ އިތުރުން އަގުހުރި އެތައް އިނާމްތަކެއް ލިބިގެންދާނެއެވެ. މިއީ ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އެއް މުބާރާތެވެ.