ކުޅިވަރު

ބްރާވޯގެ ހުށިޔާރުކަމާއެކު ޗިލީ ފައިނަލަށް


ކްލައުޑިއޯ ބްރާވޯ މަތަކުރި ތިން ޕެނަލްޓީއާއިއެކު ޕޯޗުގަލް ބަލިކޮށް ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ފައިނަލުން ޗިލީ ޖާގަ ހޯދައިފިއެވެ. 

ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ސެމީ ފައިނަލްގައި ޕޯޗުގަލްގެ މައްޗަށް ޗިލީކުރި ހޯދީ ނަތިޖާ ނެރުމަށްޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި. މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. އެކަމަކު ދެ ޓީމަށްވެސް ލަނޑު ޖަހާނެ ހުސް ފުރުސަތު ލިބުނެވެ. މިގޮތުން ފުރަތަމަ ހާފްގެ ކުރީކޮޅު ޕޯޗުގަލްގެ އަންދްރޭ ސިލްވާ ފޮނުވާލި ބޯޅަ ކީޕަރު ބްރާވޯ ދިފާއުކުރިއިރު، ޗިލީގެ ވިދާލް މެޗުގެ އެންމެ ފަހު ވަގުތުކޮޅު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. 

އިތުރުވަގުތުގައިވެސް ލަނޑެއް ނުޖެހުމުން ޕެނަލްޓީ ޝޫޓްއައުޓްގައި ޗިލީ ކުރި ހޯދީ ތިނެއް ސުމަކުންނެވެ. ޗިލީގެ ކީޕަރު ބްރާވޯވަނީ ޕޯޗުގަލްއިން ޖެހި ތިން ޕެނަލްޓީވެސް މަތަކޮށްފައެވެ. ޕޯޗުގަލްގެ ޕެނަލްޓީތައް ފޮނުވާލީ ރިކާޑޯ ކުއަރެސްމާ، ޖާއޯ މޮޓީނިއޯ އަދި ނާނީއެވެ. ޗިލީންވަނީ އެޓީމުން ޖެހި ތިން ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. ޗިލީން ޕެނަލްޓީތައް ކާމިޔާބުކުރި ކުޅުންތެރިންނަކީ އާރްތޫރޯ ވިދާލް، ޗާލްސް އަރަންގިޒް އަދި އެލެކްސިސް ސަންޗޭޒްއެވެ. 

ސެމީ ފައިނަލުން ބަލިވެ ޕޯޗުގަލް ވާދަކުރަންޖެހޭނީ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައެވެ.