ޚަބަރު

ބިހުގެ ރަހައާއި ވަހަށް ބަދަލު އަންނަނީ ކީއްވެ؟


ރާއްޖޭގައި ވިއްކާ ބިހާ ގުޅޭގޮތުން ޢާއްމުންގެ މެދުގައި ޝައްކު އުފެދެނީ ބިސް ރާއްޖެ އެތެރެކޮށް ރައްކާކުރުމުގައި ފިނިހޫނުމިނަށް އަންނަ ބަދަލަކާގުޅިގެން ބިހުގެ ރަހަޔާއި ވަހަށް އަންނަ ބަދަލެއްގެ ސަބަބުންކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.

ރާއްޖެއިން ޕްލާސްޓިކް ބިސް ފެނިފައިވާކަމަށް ބުނެ ސޯޝަލް މީޑިއަރގައި ފޮޓޯތަކައި ވީޑިއޯތަށް ދަނީ އާއްމުވަމުންނެވެ. މިގޮތުން އިއްޔެއިން ފެށިގެން މާލޭގެ ފިހާރަޔަކުން ވިއްކި ބިސްތަކެއް ގެ ފޮޓޯތައް ބައެއް ފަރާތްތަކުން އާންމުކުރުމާއި މިފަދަ ޝަކުވާތަކެއް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށްވެސް ލިބުމާގުޅިގެން އެކަން އެއޮތޯރިޓިން ވަނީ ބަލަން ފަށާފައެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެއޮތޯރިޓީއަކީ ޑަބްލިޔު އެޗް އޯގެ ކާބޯތަކެތީގެ ރާއްކާތެރިކަމާބެހޭ އޮތޯރިޓީގެ މެންބަރެއްކަމުން ލިބެމުންދާ ޝަކުވާތަކާއި ގުޅޭގޮތުން އެފަރާތާއެކު ވާހަކަދެކެވިފައިވާކަމަށެވެ. ނަމަވެސް އެއްވެސް ޤައުމެއްގައި ޕްލާސްޓިކް ބިސް ނުވަތަ އެނޫންވެސް އެބާވަތުގެ ކާނާ އުފައްދާފައި ނުވާކަން އެޤައުމުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓާ އޮތޯރިޓީތަކުން ހާމަކޮށްފައިވާކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.

މިކަމާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސައިންޓިފިކް އޮފިސަރ އާސިފާ ލުޠުފީ ވިދާޅުވީ، ރާއްޖެ އެތެރެކުރާ ބިސް ރައްކާކުރުމުގައި ފިނި ހޫނު މިން ބަދަލުވުމުގެ ސަބަބުން ބިހުގެ ކުލައާއި ރަހަ އަދި ފެންނަ ފެނުމައްވެސް ބަދަލު އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ޕްލާސްޓިކް ބިސް ރާއްޖޭގައި ވިއްކަމުންދާ ކަމުގެ ވާހަކަދެކެވެނީ، ސޯޝަލް މީޑިއާގައި އެފަދަ ބިސްތަކެއްގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުވަމުން ދިއުމާއި ގުޅިގެން ރާއްޖޭގައި ވިއްކާ ބިހަށްވެސް އެފަދަ ޝައްކުތަކެއް ކުރެވޭތީ ކަމަށް ގަބޫލުކުރެވޭކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މާލޭގެ ފިހާރައަކުން ވިއްކި ބިހަކީ ޕްލާސްޓިކް ބިސްތަކެއް ކަމަށް ވާހަކަދެކެވެމުންދާތީ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން އެކަން ބަލަމުންދާކަމަށެވެ.