ޚަބަރު

ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި


ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި، ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ހއ.ތުރާކުނަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ އެރަށުން މަސްތުވާތަކެއްޗާއެކު 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެމީހާ ތުރާކުނު ބަނދަރު ސަރަޙައްދުން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 7 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ބަންދަށް ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދިހަ ދުވަސް ޖަހާފައެވެ.

މީގެ އިތުރުން، ކ.މާފުއްޓަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އެޕަރޭޝަނެއްގައި ވަނީ މަސްތުވާތަކެއްޗާއެކު 40 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. އެރަށު ބަނދަރު ސަރަހައްދުން ހުއްޓުވި ވަގުތު އެމީހާގެ އަތުގައި އޮތް ކޮތަޅެއް މޫދަށް އެއްލާލި މަންޒަރު ފުލުހުންނަށް ފެނުމުން އެ ކޮތަޅު ނަގައި ބެލިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ 15 ދަޅު އެ ކޮތަޅުގެ ތެރެއިން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ބަންދަށް މާފުށީ ކޯޓުން ވަނީ 13 ދުވަސް ޖަހާފައެވެ.