ޚަބަރު

އަހަރުގެ މިހާތަނަށް 1.3 މިލިޔަން ފަތުރުވެރިން


  • މިމަހުގެ ފުރަތަމަ 11 ދުވަސްތެރޭ 76,531 ފަތުރުވެރިން އައިސްފައިވޭ

  • މިދިޔަ އަހަރަށްވުރެ %4.1 އިތުރު

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1,331,148 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1,387,700 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 4.1 އިންސައްތަ ދަށް އަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 11 ދުވަސްތެރޭ ރާއްޖެއަށް ވަނީ 76,531 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 73,312 ފަތުރުވެރިންނާ އަޅާ ބަލާއިރު %4.4 އިތުރު އަދަދެކެވެ. ފަތުރުވެރިންގެ އަދަދަށް ކުރިއެރުން ލިބެން ފަށާފައިވާއިރު، މެދު އިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން މިއަހަރުގެ މާރިޗު މަހުން ފެށިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް ވަނީ ދަށްވެފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,964 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 18.1 އިންސައްތައިގެ ހިއްސާއަކާއެކު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އަންނަނީ ޗައިނާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އަންނަނީ ރަޝިއާ ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް

ޗައިނާ : 237,271 ފަތުރުވެރިން
ރަޝިއާ : 191,530 ފަތުރުވެރިން
އިނގިރޭސިވިލާތް : 102,596 ފަތުރުވެރިން

އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެއީ، 955,696 ފަތުރުވެރިންނެވެ. އަދި ގެސްޓުހައުސްތަކުގައި 291,113 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން ހޮޓާތަކުގައި 30,953 ފަތުރުވެރިން އަދި ސަފާރީތަކުގައި 24,470 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.