ކުޅިވަރު

ޖަރުމަނާ ޗިލީ ކޮންފެޑެރޭޝަން ކަޕް ސެމީފައިނަލަށް


ޖަރުމަނު ސެމީއިން ޖާގަ ހޯދީ ކޯޗް ޔޯޚިމް ލޯގެ އިރުޝާދުގެ ދަށުން ޖަރުމަނަށް ލިބުނު 100ވަނަ މޮޅާއިއެކުއެވެ.

 ފީފާ ކޮންފެޑެރޭޝަންސްގެ ގްރޫޕް ބީގައި ރޭ ޖަރުމަނުންވަނީ ކެމަރޫން ތިނެއް އެކަކުން ބަލިކޮށް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ދުނިޔޭގެ ޗެމްޕިއަން ޖަރުމަނަށް މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ކެރިމް ދެމަރބޭ އަދި ޓިމޯ ވާރނާއެވެ. ވާރނާ ވަނީ މެދުގައި ދެ ލަނޑު ޖެހާފައެވެ. ދިހަ ކުޅުންތެރިންނާއިއެކު މެޗް ނިންމާލި ކެމަރޫން ޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ވިންސެންޓް އަބޫބަކަރުއެވެ.

ރޭގެ މެޗަކީ 2006ވަނަ އަހަރު ޖަރުމަންގެ ގައުމީ ޓީމާއި ހަވާލްވިފަހުން ކޯޗް ޔޯޚިމް ލޯ ގައުމީ ޓީމަށް އިރުޝާދުދިން 150ވަނަ މެޗެވެ. އަދި މިއީ އެޓީމް އޭނާގެ އިރުޝާދުގެ ދަށުން ހޯދި 100ވަނަ މޮޅެވެ. 

ކޮންފެޑެރޭޝަންސް ކަޕްގެ ސެމީ ފައިނަލްގައި ޖަރުމަން ނިކުންނާނީ އުތުރު އެމެރިކާގެ ޗެމްޕިއަން މެކްސިކޯއާއި ދެކޮޅަށެވެ. މި މެޗް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭއެވެ.

img:http://s2.psmnews.mv/images/660x400/14984702791429.jpg|ޗިލީ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޗިލީ ސެމީއިން ޖާގަ ހޯދީ މާޓިން ރޮޑްރިގޭޒް ޖަހައިދިން ގޯލާއިއެކު އޮސްޓްރޭލިއާ އާއި އެއްވަރުކޮށްގެންނެވެ. 

ގްރޫޕް ބީގެ ފަހު މެޗުގައި ޗިލީ އަދި އޮސްޓްރޭލިއާ ވާދަކުރި މެޗް ނިމުނީ އެކެއް އެކަކުން ދެ ޓީމް އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮސްޓްރޭލިއާގެ ޖޭމްސް ޓްރޮއިސީވަނީ ލަނޑެއްޖަހައި އެޓީމަށް ލީޑް ނަގައިދީފައެވެ. ޗިލީއަށް މެޗުން ޕޮއިންޓެއް ހޯދައިދިނީ ދެވަނަ ހާފްގައި ބަދަލްކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މާޓިން ރޮޑްރިގޭޒްއެވެ. 

ރޭގެ މެޗަކީ އޮސްޓްރޭލިއާގެ ޓިމް ކެހިލް ގައުމީ ޓީމަށް ކުޅެދިން 100ވަނަ މެޗްކަން ފާހަގަކޮށްލެވެއެވެ. ޗިލީއަށް ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ސެމީ ފައިނަލުން ޖާގަ ލިބެނީ ގްރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައެވެ. 

ސެމީގައި ޗިލީ ނިކުންނާނީ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލްއާއި ދެކޮޅަށެވެ.