ޚަބަރު

ޙަރަމްފުޅުގައި ކުރި ޢީދުނަމާދުގައި ރައީސް ޑރ.ވަޙީދު!


މިއަދުގެ މައްކާގެ މާތްވެގެންވާ ޙަރަމްފުޅުގައި ކުރި ޢީދު ނަމާދުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙަންމަދު ވަޙީދު ޙަސަން ބައިވެރިވެވަޑައިގެންފިއެވެ. 

ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އާލް ސަޢުދުގެ އަރިހުގައި ރައީސް ޑރ.ވަޙީދު މިއަދުގެ ޢީދުނަމާދުކުރެއްވިއިރު، މި ޖަމާޢަތުގައި ރަސްގެފާނުގެ އެންމެ އަރިހުގައި ނަމާދުކުރެއްވި ބޭފުޅުންގެ ތެރޭގައި ރައީސް ވަޙީދުގެ އިތުރުން ލުބުނާނާއި، ޔަމަނުގެ އެންމެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ. ޢީދު ނަމާދަށްފަހު ރަސްގެފާނު އެމަނިކުފާނުގެ ރަސްމީ ގަނޑުވަރުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސް ރައީސް ޑރ.ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ. 

img:http://s3.psmnews.mv/images/660x400/14984199175738.jpg|މިއަދު ބޭއްވެވި ބައްދަލުވުމުގައި ސަލްމާން ރަސްގެފާނުގެ އެންމެ އަރިހުގައި ރައީސް ޑރ.ވަޙީދު -

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ސައުދީ ރަސްގެފާނާ ދެމެދު އޮތް ގާތްގުޅުމާއި، ދެޤައުމުގެ ސަރުކާރުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ދަމަހައްޓައި އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގައި ރައީސް ޑރ.ވަޙީދު ހުންނެވީ ރައީސް ޔާމީނާއެކުކަން ފާހަގަކޮށްލެވެއެވެ. އަދި އެމަނިކުފާނު ގެންދަވަނީ ރައީސް ޔާމީނުގެ ސިޔާސަތުތަކަށް ތާޢީދުކުރައްވައި ސަރުކާރާއެކު މަސައްކަތް ކުރައްވަމުންނެވެ.

ވަކިން ޚާއްސަކޮށް ޤަޠަރުގެ ސަރުކާރުގެ މައްޗަށް ތުހުމަތުކުރެވޭ ޓެރަރިޒަމަށް ވާގިވެރިވާ މައްސަލާގައި ސަޢުދީ ޢަރަބިއްޔާއިން ޤަޠަރާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލުމާއެކު، ދިވެހި ސަރުކާރުވެސް އެގޮތަށް ޢަމަލުކުރި ކުރުމަށް ރައީސް ޑރ.ވަޙީދު ތާޢީދުކުރައްވާކަން މިކަމުން ދޭހަވެއެވެ.