ޚަބަރު

ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލު ވުމަށް އިލްތިމާސް ކޮށްފި


 ކަނޑު ދަތުރުފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިދުވަސްވަރަކީ ފިޠުރު ޢީދުގެ ބަންދު ދުވަސްތަަކަށް ވުމާއެކު، ގިނަ އަދަދެއްގެ ބަޔަކު ކަނޑު މަގުން ދަތުރު ކުރާ ދުވަސްވަރެއްކަމުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، އުޅަނދުތަކުގައި ދަތުރު ވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅިފައި ވޭތޯ ބެލުން މުހިންމުކަމަށެވެ.

މީގެ އިތުރުން އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަމަކުރަންޖެހޭ އެންމެހައި ތަކެތި ހަމަކުރުމަށާއި ދަތުރަށް ފެށުމުގެ ކުރިން މުވާސަލާތީ ހުރިހާ ވަސީލަތްތައް މަސައްކަތް ކުރޭތޯ ބެލުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އުޅަނދުގައި އުފުލަން ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރަށް މީހުން ނުއުފުލުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ. އަދި ކަނޑުމަތީގެ ހާދިސާއެއް ހިނގައިފިނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 އާއި ގުޅުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.