ޚަބަރު

ރައީސްގެ ދެކަނބަލުން ޢީދު ސަލާން ކުރައްވައިފި


ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ބައްދަލުކުރައްވައި، ޢީދުގެ ސަލާން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން ކުރިއަށްގެންގޮސްފައި ވަނީ ޢީދު ނަމާދަށްފަހު، ދަރުބާރު ގޭގައެވެ. ޢީދު ސަލާން ކުރެއްވުން ކުރިއަށް ގެންދަވާފައިވަނީ ހެނދުނު ނުވައަކުން ދިހައަކަށެވެ. ޢީދު ސަލާމް ކުރުމުގައި ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ވަނީ ރައީސްގެ ދެކަނބަލުންނާ ޢީދު ސަލާން ކުރައްވާ، ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަޙްނިޔާއާއި ރައްދުކޮށްފައެވެ.

ޢީދު ސަލާން ކުރުމަށްދިޔަ ފަރާތްތަކުގެ ތެރޭގައި އާންމު ރައްޔިތުންގެ އިތުރުން ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިން ހިމެނިވަޑައިގަންނަވައެވެ. އަދި ގިނަ ޢަދަދެއްގެ ތުއްތުކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ޢީދު ސަލާން ކުރުމުގައި ބައިވެރިވެފައިވެއެވެ.

ކޮންމެ އަހަރަކު ވެސް އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ގިނަޢަދަދެއްގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އީދު ސަލާމް ކުރައްވައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޢީދު ސަލާމް ކުރުން ކުރިއަށްދިޔައިރު، ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވާ، ބައެއް ފަރާތްތަކާއެކު ފޮޓޯވެސް ނަންގަވާފައެވެ.