ޚަބަރު

ގިނަ ރަށްތަކެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފި


މާލެއާއި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ބޮޑު ޖަމާޢަތުގައި ފިތުރު ޢީދު ނަމާދުކޮށްފިއެވެ.

މާލޭގައި މިއަހަރުވެސް ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައިވަނީ މާފަންނު ސްޓޭޑިއަމްގައެވެ. އެތައް ހާސް ބަޔަކު އެ ސަރަޙައްދަށް ޖަމާވިއިރު، ފެނިގެންދިޔައީ އެކި ޢުމުރުފުރާގެ އެކި މީހުން ޢީދުގެ ފެށުމުގައި ބައިވެރި މަންޒަރެވެ. ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ސްޓޭޑިޔަމް ސަރަޙައްދުގައި ޚާޢްސަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. އެގޮތުން ދެ ޖިންސްގެ މީހުންނަށް ވަކިން ސަރަޙައްދު ހަމަޖައްސާ، ޕާކް ކުރުމަށް ފަސޭހަ އިންތިޒާމްތަކެއްވެސް ހަމަޖައްސާފައިވެއެވެ.

ބޮޑު ޖަމާއަތުގެ އިތުރުން، އިސްލާމީ މަރުކަޒަށްވެސް ގިނަ ބަޔަކު ޢީދު ނަމާދަށް ޖަމާވިއެވެ. މާލޭގެ ހުކުރު ކުރާ ގިނަ މިސްކިތްތަކުގައިވެސް ޢީދު ނަމާދު ކޮށްފައިވެއެވެ.

ހުޅުމާލޭ ސެންޓަރަލް ޕާކްގައި، ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރިއިރު، ވިލިމާލޭގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކޮށްފައިވަނީ ސްޓޭޑިއަމްގައެވެ.

އަތޮޅުތަކަށް ބަލާލާއިރު، މިއަހަރުވެސް ގިނަ ރަށްތަކެއްގައި ޢީދު ނަމާދުކޮށްފައިވަނީ ބޮޑު ޖަމާޢަތުގައެވެ. ގއ.ވިލިގިލީގައި ފުރަތަމަ ފަހަރަށް ޢީދު ނަމާދުކޮށްފައިވަނީ އެރަށުގެ ތާރު އެޅި މައި މަގެއްގައެވެ. ކުޅުދުއްފުށީގައި ވިއްސާރަ ވުމުގެ ސަބަބުން ބޮޑު ޖަމާއަތުގައި ނަމާދު ކުރަން ހަމަޖެއްސުމަށްފަހު ވަނީ މިސްކިތްތަކަށް ބަދަލުކޮށްފައެވެ. މާލެ އަތޮޅު ހުރާ، ފ.ނިލަންދޫ، ތ.މަޑިފުށި، ރ.ދުވާފަރުގައިވެސް ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކޮށްފައިވަނީ ރަށުގެ ހުސްބިންތަކުގައެވެ. ޢީދު ނަމާދަށް ފަހު ބައެއް ރަށްތަކުގައި ރަށުގެ ރައްޔިތުން ގުޅިގެން އީދު ސައިގެ ކަންތައްތައްވެސް ކުރިއަށްގެންދިޔައެވެ.