ދުނިޔެ

ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވައި 123 މީހުން މަރުވެއްޖެ


ޕާކިސްތުގެ ބަހަވަލްޕޫރުގައި ތެޔޮ ޓޭންކަރެއް ފުރޮޅާލާ ހިނގި އަލިފާނުގެ ހާދިސާއެއްގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ޑޯން ނިއުސްއިން މަޢުލޫމާތު ދޭގޮތުގައި އެ ޓޭންކަރު ގޮވީ، ޓޭންކަރު ފުރޮޅާލުމުން އޭގެން ތެޔޮ ލީކުވެ، އަލިފާން ރޯވުމުގެ ސަބަބުންނެވެ.

މި ހާދިސާގައި ހަތްދިހައަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ރޭޑިއޯ ޕާކިސްތާނުން މަޢުލޫމާތުދޭ ގޮތުގައި ޓޭންކަރު ފުރޮޅާލާ ތެޔޮ ލީކުވާން ފެށުމުން، އެ ތެޔޮ ނެގުމަށް ގިނަ ޢަދަދެއްގެ ބަޔަކު ޓޭންކަރު ކައިރިއަށް ޖަމާވިއެވެ.

މިހާރު އެ އަލިފާންގަނޑު ވަނީ ކޮންޓްރޯލްކުރެވިފައެވެ.

މި ހާދިސާގައި ހަ ކާރާއި، ބާރަ ސައިކަލުވެސް ވަނީ އަނދާ ހުލިވެފައެވެ.

މި ހާދިސާގައި ޒަޚަމްވި މީހުންނަށް ފަރުވާދިނުމަށް މިހާރު ވަނީ، ޑިސްޓްރިކްޓް ހެޑްކުއާޓަރޒް ހޮސްޕިޓަލާއި، ބަހަވަލް ވިކްޓޯރިޔާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.