ޚަބަރު

އެންމެ އަލިގަދަތަރީގެ ގަދަ ތިނެއް ޔަގީން ވެއްޖެ


ޕީއެސްއެމްގެ ޓީވީއެމުން ކޮންމެ ރަމަޟާން މަހަކު ގެނެސްދެމުން އަންނަ އެންމެ އަލިގަދަތަރީގެ މިއަހަރުގެ މުބާރާތުގެ ގަދަ ތިނެއް ޔަގީން ވެއްޖެއެވެ.

ރޭ ބޭއްވި އަލިގަދަތަރީގެ ޝޯގައި މުބާރާތާ ވަކިވެގެންދިޔައީ އަލްޤާރީ މައުސޫމް ސަލީމް އަދި މަހްތޫމާ ޝަރަފުއްދީންއެވެ. އަލްޤާރީ މައުސޫމް ސަލީމް އަށް މުބާރާތުގެ ހަތަރު ވަނަ ލިބުނު އިރު މަޚްތޫމާ ޝަރަފުއްދީން އަށް ލިބުނީ މުބާރާތުގެ ފަސްވަނައެވެ.

މި މުބާރާތުގެ ގަދަ ތިނަކަށް ހޮވުނީ އަލްގާރީ މުހައްމަދު އިސްމާއިލް، ފާތިމަތު މަލްދާ މުހައްމަދު އަދި މަސްރަތު އިސްމާއިލްއެވެ. ރޭގެ ޝޯގައި ބައިވެރިންވަނީ ޤުރުއާން ކިޔެވުމާއި، ޤުރުއާން ތަފްސީރު އަދި ހިފްޒްގެ ބައި ކުރިއަށް ގެންގޮސްފައެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް ބާއްވާ މި މުބާރާތަކީ ޢާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މުބާރާތެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ އެހީތެރިކަމާއެކު ބާއްވާ މިއަހަރުގެ މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ އަގުހުރި އިނާމު ވަނީ ހުށައަޅާފައެވެ. އަދި ވަނަތަކަށް ހޮވޭ ބައިވެރިންނަށް ހައްޖުދަތުރާއި، ސްކޮލަޝިޕްތަކުގެ އިތުރުން އަގުހުރި އެތައް އިނާމްތަކެއް ހުށައެޅިފައިވެއެވެ.