ދުނިޔެ

ޓެރަރިޒަމް ހުއްޓުވުމަށް އިތުރު ހިތްވަރެއް ލިބިއްޖެ- ޔޫއޭއީ


މައްކާގެ ހަރަމްފުޅަށް ދޭން މަސައްކަތްކުރި ޓެރަރިސްޓް ހަމަލާގެ ސަބަބުން، ޓެރަރިޒަމް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެކަމަށް ޔޫއޭއީގެ ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ބިން ޒައިދް ބިން ސުލްތާން އަލް ނަހްޔާން ވިދާޅުވީ، ހަރަމްފުޅަށް ދޭން މަސައްކަތްކުރި ހަމަލާއިން އެކަނިވެސް ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތަކުގެ ބިރުވެރިކަން ގޮސްފައިވާ ހިސާބު ހާމަވެގެންދާކަމަށެވެ. އަދި މިފަދަ ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރު ކުރުމަށް މިފަދަ އަމަލުތަކުގެ ސަބަބުން އިތުރު ހިއްވަރެއް ލިބިގެންދާކަމަށެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓަރ ވަނީ، ހަރަމްފުޅަށް ދޭން މަސައްކަތްކުރި ޓެރަރިސްޓް ހަމަލާ، ސަޢޫދީ ސަލާމަތީ ބާރުތަކުން ކާމިޔާބް ކަމާއެކު ހުއްޓުވާފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

ސަޢުދީ ޢަރަބިއްޔާގެ މާތްވެގެންވާ މައްކާގެ ޙަރަމްފުޅަށް އަމާޒުކޮށް ދޭންއުޅުނު ޓެރަރިސްޓު ޙަމަލާ ސަޢުދީ ޢަރަބިއްޔާގެ ސަލާމަތީ ބާރުތަކުން ވަނީ ހުއްޓުވާފައެވެ.

މި ޙަމަލާތައް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ސަޢޫދީ ޢަރަބިއްޔާގެ 3 ސަރަޙައްދަކުން 5 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ މައްކާގެ 2 ސަރަހައްދަކުންނާއި، ޖިއްދާގެ ސަރަޙައްދަކުންނެވެ. މިޙަމަލާތައް ހުޓުވުމަށް ޓެރަރިސްޓުންނާ ކުރިމަތިލައި ކުރި މަސައްކަތަކުގައި ސަޢުދީ ސަލާމަތީ ބާރުތަކުގެ ސިފައިންގެ ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެފައިވެއެވެ.