ޚަބަރު

ޗުއްޓީގައި، ބަލިތަކަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި


ކުރިއަށްއޮތް ޢީދު ދުވަހާއި، ބަންދު ދުވަސްތަކުގައި ކާބޯތަކެތި ރައްކާތެރިގޮތުގައި ބޭނުންކުރުމަށާއި، އެކިތަންތަނަށް ދަތުރުކުރުމުގައި ގައިންގަޔަށް އަރާ ބަލިތަކަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖްންސީ އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ. 

އެ އެޖެންސީއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރިއަށްއޮތް ޢީދު ބަންދަކީ ގިނަ ޢަދަދެއްގެ ބަޔަކު އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށް ދަތުރުކޮށް އެއްތަނަކަށް އެއްވެ އުޅުން އިތުރުވާނެ ދުވަސްތަކަކަށްވުމާއެކު ޑެންގީ، ވައިރަލް ހުން، ބޭރަށްހިންގުން، އަރިދަފުސްރޯގާ ފަދަ ބަލިތަކަށް ރައްކާވެތިބުމަށް އިލްތިމާސްކުރާކަމަށެވެ. އެގޮތުން މަދިރި ހެފުމުން ރައްކާތެރިވެތިބުމަށާ، ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާކުރުމާއި، މަދިރި ވަނުމަށް މަގުފަހިވާގޮތަށް ހުންނަ ކުޑަދޮރާއި ފެންލައިޓް ފަދަ ތަންތަނުގައި ދާ ޖަހާފައިބެހެއްޓުމާއި، ހެދުނާއި ރޭގަނޑުގެ ވަގުތުތަކުގައި ދޮރުތަށް ލައްޕާފައި ބެހެއްޓުމާއި، މަދިރި ރިޕެލަންޓް ބޭނުންކުރުމާއި މަދިރި ލޯޝަންބޭނުންކުރުން ފަދަކަންތައްތައް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކުރެވެއެވެ. 

އަދި އަރިދަފުސްރޯގާއާއި ވައިރަލްހުމުން ރައްކާތެރިވުމަށްޓަކައި، އަރިދަފުސްރޯގާ ޖެހިއްޖެނަމަ ކެއްސައި ކިނބިހިއަޅާއިރު އަގަމަތި ނިވާކުރުމާއި، ބޭނުންކޮށްފައިވާ ޓިޝޫފަދަތަކެތި ހާމައަށްނުބެހެއްޓުމައި މީހުން އެއްވެ އުޅޭތަންތަނަށް ދިއުން މަދުކޮށް، ޢާންމުސާފްތާހިރުކަމަށް އިސްކަންދިނުމާއި، ރޯގާޖެހިފައިވާނަމަ އެފަދަ މީހުން ކުޑަކުދިން އުރައި ނުހެދުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކުރެއެވެ. 

ބޭރަށް ހިންގުމުން ރައްކާތެރިވުމަށްޓަކައި، ބުއިމަށް ބޭނުންކުރާ ފެނަކީ ކްލޮރިނޭޓްކޮށްގެން ބޭނުންކުރާފެނަކަށް ހެދުމާއި، މޭވާއި ތަރުކާރީ ދޮވެގެން ނޫނީ ބޭނުންނުކުރުމާއި، ކާބޯތަކެތީގައި މެހި ނުޖައްސާހެން މަތިޖަހާފައި ބެހެއްޓުމާއި، ތާޒާ ކާނާ ބޭނުންކޮށް ކާބޯތަކެތި ހަލާކުނުވާނެހެން ރައްކާކުރުމަށް އިސްކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކުރެއެވެ.