ޚަބަރު

"އޮޑިޓްރިޕޯޓު، ބައެއްމީޑިއާތަކުން ގެނައީ ހަޤީގަތާޚިލާފަށް"


1436 ވަނަ އަހަރުގެ މުދަލު ޒަކާތާއި ފިޠުރު ޒަކާތުގެ ގޮތުގައި ބަހާފައިވާ ފައިސާ ބެހި ގޮތުގެ ތަފްސީލު އެނގެން ނެތްކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ބައެއް ރަށްރަށުން ޒަކާތް ބަހާފައިވާ ސްލިޕްތަކާއި، ޒަކާތް ބަލައިގަތް  ސްލިޕްތައް އިސްލާމިކް މިނިސްޓްރީއަށް ހުށައަޅާފައި ނުވާތީކަމަށް އެމިނިސްޓްރީން ބުނެފިއެވެ. 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ހަޤީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހްމަދު ޒިޔާދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. 

އިސްލާމިކް މިނިސްޓަރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޑރ.ޒިޔާދު ވިދާޅުވީ، މުދަލުޒަކާތުގެ ގޮތުގައި ބަހާފައިވާ 13 މިލިޔަން ރުފިޔާގެ ވާހަކަ ނޫސްތަކުގައި ހިމަނާފައިވަނީ ހަޤީގަތް އޮޅޭގޮތަށްކަމަށާ، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، 1435 ވަނަ އަހަރުގެ މުދަލު ޒަކާތުގެ ވާހަކަކަމަށެވެ. މުދަލު ޒަކާތްވެސް ބަހަނީ މާލެއާއި އަތޮޅުތަކުގައި ކަމަށާ، ޒަކާތް ބަލައިގަންނަނީވެސް މާލެއާއި އަތޮޅުތައް ހިމެނޭގޮތަށް އެކި ސަރަޙައްދުތަކުން ވަކިވަކިންކަމަށެވެ. އެގޮތުން ބައެއް ރަށުކައުންސިލްތަކުން ޒަކާތް ބަލައިގަތް ސްލިޕްތަކާއި ޒަކާތް ބެހި ސްލިޕްތައް އިސްލާމިކް މިނިސްޓްރީއަށް ހުށައަޅާފައި ނުވާތީ، މިނިސްޓްރީން އެކަމުގެ ރިވިއު ހެދިއިރު އެ ސްލިޕްތައް ހިމެނިފައި ނުވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނާއިބު އިބްރާހީމް އަޙްމަދު ވިދާޅުވީ، ކޮންމެ އަހަރަކުވެސް ޒަކާތް ބަހައި ނިމުމުން ކޮންމެ ރަށަކުންވެސް ޒަކާތް ބެހިގޮތުގެ ރިޕޯޓެއް ތައްޔާރުކޮށް ވަކި މުއްދަތެއްގެތެރޭގައި އިސްލާމިކް މިނިސްޓްރީއަށް ހުށައަޅަން ޖެހޭކަމަށެވެ. ނަމަވެސް އެމުއްދަތުގެ ތެރޭގައި ތަކުރާރުކޮށް އަންގައިގެންވެސް ބައެއް ރަށްރަށުގެ ކައުންސިލްތަކުން ރިޕޯޓު ހުށައަޅާފައި ނުވާތީ، އިސްލާމިކް މިނިސްޓްރީއަށް އެރިޕޯޓްތައް އޮޑިޓް އޮފީހާހަމައަށް ނުދެއްކޭނަމަ، ޒަކާތުގެ ފައިސާ ދޫކޮށްފައިވަނީ އޭގެ ޙައްޤުވެރިނަށްކަން ދެއްކޭނެ ގޮތެއް ނޯންނަކަމަށްވެސް އިބްރާހީމް އަޙްމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާތަނަށް އައި އިރުވެސް 18 ރަށަކުން އެރިޕޯޓްތަށް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައި ނުވާކަމަށެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ، މަސައްކަތް ނިންމިކަން ލިޔުމުން ކަށަވަރުނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ، އެއް މިލިއަން ރުފިޔާގެ ބިލްތަކާއި އެހެނިހެން ޑޮކިއުމެންޓްތައްވެސް ހުށައެޅިފައިނުވަނީ އިދާރީގޮތުން ދިމާވި މައްސަލަތަކެއްގެ ސަބަބުންކަމަށެވެ. 

އިސްލާމިކް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ރަނގަޅުކަން އޮޑިޓަރ ޖެނަރަލް ފާހަގަކުރައްވާފައިވާކަމަށެވެ. 

އެގޮތުން ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށް އެ މިނިސްޓްރީން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެމިނިސްޓްރީން ފާހަގަކުރެއެވެ. އަދި ސަރުކާރުގެ ގިނަ މުއައްސަސާތަކާއި ގުޅިގެން ހަރުދަނާ ގޮތެއްގައި ރާއްޖޭގެ ފަޤީރުންގެ ލިސްޓް އެކުލަވާލުމާއި، މުދަލު ޒަކާތް ބަލައިގަތުން މީރާއާއި ހަވާލުކުރުން ފަދަ މުހިންމު ކަންކަން ކޮށްފައިވާކަންވެސް އެމިނިސްޓްރީން ފާހަގަކުރެއެވެ.