ޚަބަރު

"ދި ލެގަސީ"ގެ ދަރުސްތައް ޕީއެސްއެމްގެ ޗެނަލްތަކުން ދައްކާނެ


ބޭރުގެ އެކި ޤައުމުތަކުގެ ފުންނާބުއުސް ދީނީ އިލްމުވެރިން ބައިވެރިކޮށްގެން "ދި ލެގަސީ" ގެ ނަމުގައި ޕީސް ފައުންޑޭޝަނުން ފަށާ ދީނީ ދަރުސްތައް ޕީ.އެސް.އެމްގެ ޗެނަލްތައް މެދުވެރިކޮށް ފޮނުވުމަށް ޕީސް ފައުންޑޭޝަނާއި، ޕީ.އެސް.އެމްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގެ ދަށުން ޕީސް ފައުންޑޭޝަނުން އިންތިޒާމުކުރާ ދީނީ ދަރުސްތައް ޖުލައި 13 އިން  ފެށިގެން ސިލްސިލާގޮތެއްގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލަތީފު ވިދާޅުވީ، ޕަބްލިސްސަރވިސް މީޑިއާ އުފެއްދި  އެންމެ މުހިއްމު އެއް މަޤްޞަދަކީ ދިވެހިރައްޔިތުންގެ ހިތްތަކުގައި ދީނީ ހޭލުންތެރިކަމާއި، އަޚްލާގީ ހޭލުންތެރިކަން އުފައްދައި ތެދު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް ވީހިނދު އެކަން ހާސިލުކުރުމައްޓަކައި ކުންފުނިން ކުރަންޖެހޭ މަސައްކަތްތައް ގިނަކުރަންޖެހިފައިވާކަމަށެވެ. އެގޮތުން ޕީސް ފައުންޑޭޝަން ފަދަ ޖަމްޢިއްޔާތަކުން ހިންގާ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މިފަދަ ކަމެއްގައި ބައިވެރިވުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކޭކަމަށާއި، ޕީސް ފައުންޑޭޝަނުން ކުރިއަށްގެންދާ މިފަދަ އިތުރު ޓޯކްތައްވެސް ޕީ.އެސް.އެމްގެ ޗެނަލްތަކުން ގެނެސްދިނުމަށް މަސައްކަތްކުރައްވާނެކަމަށް އިކްރާމް ވިދާޅުވިއެވެ.

ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޮބާހް ބުނީ، ޕީ.އެސް.އެމްގެ ޗެނަލްތައް މެދުވެރިކޮށް ލެގަސީ އިވެންޓުގެ ޓޯކްތައް ރަށްރަށުގެ ރައްޔިތުންނާއި ހަމައަށް ވަގުތުން ގެނެސްދެވުމަކީ އެޙަރަކާތައް ލިބިގެންދާ ވަރަށް ބޮޑު ފުރިހަމަކަމެއްކަމަށާއި، އޭގެ ސަބަބުން މިފަދަ ޙަރަކާތްތައް ބޭއްވުމަށް އިތުރު ހިއްވަރެއް ފީސް ފައުންޑޭޝަނަށްވެސް ލިބިގެންދާކަމަށެވެ.

ތިލަފުށި ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ޕީސް ފައުންޑޭޝަނުން ފަށާ ދި ލެގަސީ ޓޯކް ގައި، ސްކޫލްތަކަށް ޚާއްސަކޮށްގެންވެސް ދީނީ މަޢުލޫމާތު ދިނުމުގެ ޙަރަކާތްތަކެއް ކުރިއަށްގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.

ޕީސް ފައުންޑޭޝަނުން ފަށާ ދި ލެގަސީ ޓޯކް ގައި ބައިވެރިވެ ވަޑައިގެން، ޑރ. ބިލާލް ފިލިޕްސް މިމަހުގެ ތޭރައިން ފެށިގެން ދެދުވަހުގެ މުއްދަތައް ރާއްޖޭގައި ދެއްވާ ދަރުސްތައް ޕީއެސްއެމްގެ، ޓީވީއެމް އާއި މުންނާރު ޓީވީ އަދި ދިވެހިރާއްޖޭގެ އަޑުގެ އިތުރުން ކުންފުނީގެ އިތުރު ޗެނަލްތަކުންވެސް ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް ޙަރަކާތްތަކުގެ ރެކޯޑިންވެސް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭނެއެވެ.