ޚަބަރު

ޔާމީންގެ މަރުގެ ތުހުމަތުކުރެވޭ 3 މީހުންގެ ބަންދަށް 15 ދުވަސް!


ސ. ފޭދޫ، ޗަނބޭލީގެ ޔާމީން ރަޝީދު މަރާލި މައްސަލައިގައި ބައިވެރިވިކަމަށް ތުހުމަތުގައި ފުލުހުން ފޮޓޯ އާއި މަޢުލޫމާތު ޢާއްމުކުރި 3 މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ. 

ފުލުހުން ހާމަކުރިގޮތުގައި މި ތިންމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ 15 ދުވަސް އިތުރުކޮށްފައެވެ. އެހެންނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރީ ކޮންއިރަކުކަމެއް، އަދި މިއީ މުއްދަތު އިތުރުކުރި ކިތައްވަނަ ފަހަރުކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. 

މިދިޔަ އެޕްރީލްމަހުގެ 23 ވަނަދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކ.މާލެ/ މ.ސްޕެޓިއުލްގޭގެ ސިޑިގޮޅި ކައިރީގައި ޒަޚަމްތަކަކާއެކު އޮއްވާ ފެނުނު ސ.ފޭދޫ ޗަނބޭލީގެ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހްޤީގަށް ޖުމުލަ 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބިކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.  

އަދި ޢަމަލީގޮތުން ޔާމީން ރަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި މިދިޔަ އާދީއްތަދުވަހު ފުލުހުން ޢާއްމުކުރި 3 މީހުންނަކީ މ.ޠާއިފް، ޢުމުރުން 25 އަހަރުގެ އިސްމާޢީލް ރަޝީދާއި، ހ.އަންނާރުމާގެ ޢުމުރުން 21 އަހަރުގެ އިސްމާޢީލް ހައިޝަމް ރަޝީދާއި، މ.އިރާސްމިކުގެ ޢުމުރުން 22 އަހަރުގެ އަޙްމަދު ޒިހާން އިސްމާޢީލެވެ.މިމީހުންގެ ތެރެއިން މީގެތެރެއިން ހ.އަންނާރުމާގެ ޢުމުރުން 21 އަހަރުގެ އިސްމާޢީލް ހައިޝަމް ރަޝީދަކީ ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ ކުށުގެ ރިކޯޑް އޮތް މީހެއްކަމަށް ފުލުހުން ބުނެއެވެ. އަދި ފޭރުމުގެ މައްސަލައެއްގައި އޭނާގެމައްޗަށް ހުކުމެއް ތަންފީޒުކޮށްފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އަދި ފުލުހުން ފޮޓޯ ޢާއްމުކުރި މ.ޠާއިފް، ޢުމުރުން 25 އަހަރުގެ އިސްމާޢީލް ރަޝީދަކީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގެ ރެކޯޑް އޮތް މީހެއްކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.ޔާމީން ރަޝީދު މަރާލި މައްސަލަ ފުލުހުންނަށް ފުލުހުންނަށް ރިޕޯޓުކުރި ވަގުތުންފެށިގެން ފުލުހުންގެ ޚާއްސަ ޓީމަކުން މިކަން ތަހްޤީގުކުރުމަށް ތަހްޤީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ހޯދުމަށް މަސައްކަތްކުރަމުންދާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މާލޭ އެކި ސަރަހައްދުތަކުގައި ހުރި ސީސީޓީވީ ފުޓޭޖާއި މާލޭގެ މަގުމަތީގައި ހަރުކޮށްފައިވާ ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ހިމެނޭ ގޮތަށް ޖުމްލަ 1850 ގަޑިއިރަށްވުރެ ގިނަ ވަގުތުގެ ސީސީޓީވީ ފުޓޭޖް އެނަލައިޒްކޮށް ބަލާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި މީގެ އިތުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ 40،000 އަށްވުރެ ގިނަ މީހުންގެ ފޮޓޯތައް ބަލައި އެނަލައިޒްކޮށްފައިވާ ކަމަށާ، އަދި ސަރުކާރުގެ އެކި އިދާރާތަކުގެ ޑޭޓާ ބޭސްތައް މެދުވެރިކޮށް ވެސް ގިނަ މައުލޫމާތުތަކެއް ހޯދައި މިކަމުގައި އިސްކޮށް ތިބި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. 

ބްލޮގަރ އެއްގެގޮތުގައި މަޝްހޫރުވެފައިވާ ޔާމީން ރަޝީދު މަރާލާފައި އޮއްވައި މިދިޔަ އެޕްރީލްމަހުގެ 23 ވަނަދުވަހުގެ ދަންވަރުގެ ވަގުތެއްގައި ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި އޮއްވައެވެ.