ޚަބަރު

ޕީއެެސްއެމްއިން ޚާއްޞަ މަދަހަ އަލްބަމެއް ނެރެފި


ރަމަޟާން މަހާއި އެމަހުގެ އަޅުކަންތަކަށް ޚާއްސަކޮއްގެން ޕީ.އެސް.އެމުން އޯޑިއޯ މަދަހަ އަލްބަމެއް ނެރެފިއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަބްދުރަޝީދު ހުސެއިން ހައްދަވާފައިވާ 12 މަދަހަ ހިމަނައިގެން ތައްޔާރުކުރި މި އޯޑިއޯ އަލްބަމް ނެރެދެއްވީވެސް އަބްދުރަޝީދު ހުސައިންއެވެ.

ޕަބްލިކްސަރވިސް މީޑިއާއިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ނެރުނު އޯޑިއޯ މަދަހަ އަލްބަމްގައި ހިމެނޭ ހިތްގައިމު މަދަހަތައް ހައްދަވައިދެއްވީ 1988 ގެ ފަހުން ދިވެހިންގެ ތެރޭގައި މަޝްހޫރުކަން ހޯދާފައިވާ މޮޅު ޅެންތަކެއް ހައްދަވައިދެއްވާފައިވާ ނިޝާން ޢިއްޒުންދީންގެ އިއްޒަތުގެވެރިޔާ އަބްދުއްރަޝީދު ހުސެއިންއެވެ.

މި މަދަހަ ސީޑީ ގައި ޖުމްލަ 12 މަދަހަ ހިމެނޭއިރު މި މަދަހަތައް ހައްދަވާފައިވަނީ އިސްލާމް ދީނާއި، ރަމަޟާން މަހާއި، ރަމަޟާން މަހުގެ އަޅުކަމާއި ގުޅޭގޮތުންނެވެ. އަބްދުރަޝީދުގެ މޮޅު ޅެންބަހުރުވައިން ތައްޔާރުކޮށްފައިވާ މަދަހަތައް ހުށައަޅާ ދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިންގެ ތެރޭގައި ހިމެނޭ މުޙައްމަދު އަބްދުލްޣަނީ، ރާފިއަތު ރަމީޒާ، ފާތިމަތު ޒޫނާ، އިބްރާހީމް ޢަލީ، މާއިން ރަޝީދުގެ އިތުރުން މޯލްޑިވިއަން އައިޑަލްއިން ވިދާލި ބައެއް ލަވަކިއުންތެރިންގެ އަޑުންނެވެ.

މި މަދަހަ އަލްބަމް ނެރެދެއްވުމަށްފަހު ވާހަކަދައްކަވަމުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަބްދުރަޝީދު ޙުސެއިން ވިދާޅުވީ، މިހާތަނަށް ގިނަ ޅެންތަކެއް ހަދާފައިވީ ނަމަވެސް އަލްބަމެއްގެ ގޮތުގައި މިފަދަ ގޮތަކަށް ނެރެވުނު މީ ފުރަތަމަ ފަހަރުކަމަށާއި، ވަރަށް ފުރިހަމަކޮށް ޕީ.އެސް.އެމުން އަލްބަމް ތައްޔާރުކޮށްފައިވާކަން ފާހަގަކުރެވުނުކަމަށެވެ.

މަދަހަ އަލްބަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވީ، ފުރިހަމަ މަދަހަ އަލްބަމެއްގެ ގޮތުގައި ޕީ.އެސް،އެމްއަށް މި އަލްބަމް ނެރެވުނީ އަބްދުރަޝީދު ޙުސައިންގެ މޮޅު ޅެންވެރިކަން ދައްކުވައިދޭ މަދަހަތަކެއް ކުންފުންޏަށް ހަދިޔާކުރެއްވުމުންކަމަށެވެ.

އިކްރާމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިމަދަހަ އަލްބަލް ހިލޭ ފޯރުކޮށްދޭން ނީންމާފައިވާކަމަށާއި، ޕީ.އެސް.އެމްގެ ޓީ.ވީ ބިލްޑިންގގައި ހުންނަ މާލްދީބް ފިހާރައިން ކޮންމެ މީހަކަށްވެސް މި އަލްބަމް ހިލޭ ލިބެން ހުންނާނެ ކަމަށެވެ.

މި މަދަހަތަކުގެ ވީޑިއޯ އަލްބަމެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ޕީއެސްއެމްއިން ދަނީ ކުރަމުންނެވެ.