ޚަބަރު

ސަޢޫދީ ޢަރަބިއްޔާގެ އާ ވަލީއަޙުދަށް ރައީސް ތަހުނިޔާ ފޮނުއްވައިފި


ސަޢޫދީ ޢަރަބިއްޔާގެ އާ ވަލީއަޙުދުގެ މަޤާމަށް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު ޢައްޔަނު ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ސަޢޫދީ ޢަރަބިއްޔާގެ އާ ވަލީއަޙުދުގެ ދައުރުގައި، ސަޢޫދީ ޢަރަބިއްޔާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ތަރައްޤީ ލިބޭނަކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. މިގޮތުން، ދުނިޔޭގެ ވިޔަފާރީގެ ގަދަބާރެއްގެ ގޮތުގައާއި، އިސްލާމީ އުއްމަތް އެއްބައިވަންތަކޮށް ހަރުދަނާ ކުރުމުގައާއި، ސަރަހައްދީ ގޮތުންނާއި ދުނިޔޭގެ ސުލްހަ ޤާއިމް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެއްގެ ގޮތުގައި ސަޢޫދީ ޢަރަބިއްޔާ ފާހަގަ ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.