ޚަބަރު

ރައީސްގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން މިއަހަރު ދަރުބާރުގޭގަ


ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފިޠުރު ޢީދު ސަލާން ކުރެއްވުން މިއަހަރުވެސް ބޭއްވެވުމަށް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފިޠުރު ޢީދު ސަލާން ކުރެއްވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ފިޠުރު ޢީދު ދުވަހުގެ ހެނދުނު ނުވައަކުން ދިހައަކަށް، ދަރުބާރުގޭގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއެވެ.

ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ބޭރުގެ ޢިއްޒަތްތެރިންނާއި މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ފަރާތްޕުޅުން ދަޢުވަތު އަރުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

މި ޢީދު ސަލާން ކުރެއްވުމުގައި ޢާއިލާތަކާއެކު ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިކުރެއްވުމަކީ އެންމެ ރަނގަޅުކަމެއް ކަމަށާއި، ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މި ޢީދު ސަލާން ކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ.