ދީން

ބޮޑު ޖަމާޢަތުގައި ޢީދް ނަމާދުކުރުން މާފަންނު ސްޓޭޑިއަމްގައި


އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުން މާފަންނު ސްޓޭޑިއަމްގައި ބާއްވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ފިޠުރު ޢީދު ނަމާދު މާފަންނު ސްޓޭޑިއަމްގައި ކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލޭގައި ބޮޑު ޖަމާޢަތުގައި ނަމާދުކުރުން އޮންނާނީ، ސެންޓްރަލް ޕާރކްގައި ކަމަށެވެ. އަދި ވިލިމާލެ ފުޓްބޯޅަ ދަނޑުގައިވެސް ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް އަންނަ ފިރިހެނުންނާއި އަންހެނުންނަށް، ނަމާދުކުރާ ސަރަޙައްދުގައި ވަކި ޚާއްޞަ އިންތިޒާމްތަކެއް ކޮންމެ އަހަރަކުވެސް އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވައެވެ.

މާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރި ނަމަވެސް، މާލޭގެ ބައެއް މިސްކިތްތަކުގައިވެސް އީދު ނަމާދު ކުރާނެއެވެ. އެގޮތުން އިސްލާމީ މަރުކަޒުގެ އިތުރުން މާލޭގެ 14 މިސްކިތެއްގައި ޢީދު ނަމާދު ކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ. އަދި ހުޅުމާލެއާއި ވިލިމާލޭގެ ދެ މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރުން އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައިވެސް ފަހަކަށް އައިސް ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން ކުރިއަށް ގެންދެއެވެ.