ތަރައްްޤީ

ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި


އެކަށީގެންވާ ބޯފެނުގެ ނިޒާމާއި  ނަރުދަމާ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ޅ.ނައިފަރުގައ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތާއި އަދި ތ.ވޭމަންޑޫގައި ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ޖޮއިންޓް ވެންޗަރ އުޞޫލުން ޙަވާލުކޮށްފައިވަނީ، ލަކީ ހިޔާ އެކްސްޕޯޓާއި، އިންޑިއާގެ އެލް އީ ޓްރިވެނީ ޖޭވީއާއެވެ. 148.9 މިލިޔަން ރުފިޔާގެ މި މަޝްރޫޢަކީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ)އާއި އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.



މިމަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ ރައްޔިތުންނަށް ރައްކާތެރިގޮތުގައި ފެނާއި ނަރުދަމާގެ ޚިދްމަތް ދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާކަމެއް ކަމަށެވެ. އެގޮތުން ފަސްވަނަޔަށް އެންމެ އާބާދީ ބޮޑު ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަގުފަހިކޮށްދެއްވުމަކީ،ސަރުކާރުގެ މަސައްކަތަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. މަޝްރޫޢްގެ މަސައްކަތް ކުރިޔަށްގެންދިއުމުގައި، ރަށު ކައުންސިލާއި ޢާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



"ނައިފަރު ކަހަލަ ބައިބޯ ރަށެއްގައި މަސައްކަތްކުރާއިރު، އުދަގޫތެއް ހުންނާނެ...މަގުތައް ކޮނުމާއި އަދިވެސް މިބާވަތުގެ އެތައްކަމެއް. އެހެންވީމަ ރައްޔިތުންނަށް ބޭނުންވާ މުހިންމު މަޢްލޫމާތުތައް ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދެއްވައިފިއްޔާ ވަރަށް އަވަސް ފުރުޞަތެއްގައި، ކޮންޓެރެކްޓްގެ ޓައިމަށްވުރެ އަވަހަށް ނިންމިދާނެކަމަށް ޤަބޫލް ކުރަން." އެންވަޔަރަންމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.

ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމަށާއި، ތ.ވޭމަންޑޫގައި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި އެލް.އީ ޓްރިވެނީ ޖޭވީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ވިނޭ ކުމާރު ސިންގެވެ. އޭނާ ވިދާޅުވީ، ކަމާއިގުޅުން ހުރި އިދާރާތަކާއި، މި ދެރަށުގެ ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ އެގްރީމެންޓްގައި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ނިންމާލެވޭނޭކަމަށެވެ.



"އަހަރުމެންގެ ވަރަށް ޤާބިލް ކުޅަދާނަ ޓީމެއް އެބައޮތް. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތައް މުއްދަތައް މަސައްކަތް ނިންމާލެވޭނޭ ކަމުގެ ޔަޤީންކަން އެބައޮތް. ކައުންސިލާއި، ރައްޔިތުންނާއި،ކަމާއި ގުޅޭ އެކި އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބިއްޖެނަމަ އެގްރީމެންޓްގައި ދީފައިވާ މުއްދަތައް ވުރެ ކުރިން މަސައްކަތް ނިންމާލެވޭނެ." އެލް.އީ ޓްރިވެނީގެ ޑިރެކްޓަރ  ޖޭވީ ވިނޭ ކުމާރު ސިންގް ވިދާޅުވިއެެވެ.



މިމަޝްރޫޢުގެ ދަށުން ޅ. ނައިފަރުގައި ނަރުދަމާ ވިޔުގަ ޤާއިމުކުރުމާއި، ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާއި އަދި ފެނުގެ ވިޔުގަ އެޅުމާއި، ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މިއަދުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރުދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ނައިފަރުގައި ފެނާއި ނަރުދަމާ ނިޒާމް ނެތުމުގެ ދަތިކަން ރަށުގެ ރައްޔިތުން ތަހައްމަލް ކުރަމުންދާތާ އެތައް އަހަރެއް ވެފައިވާކަމަށެވެ. އެގޮތުން މި މައްސަލައަށް 18 އަށްވުރެ ގިނަ އަހަރުވެފައިވާއިރު، ކުރީގެ ސަރުކާރުތަކުން މިކަމަށް ބީރުކަންފަތެއް ދީފައިވާކަމަށެވެ. އަދި މި ސަރުކާރުން މިކަން ފަހިކޮށްދެއްވުމަކީ ރައްޔިތުންގެ ޒަމާންވީ އުންމީދުތަކުގައި ކުލަޖެހުން ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. 



"ދާއިރާގެ ރައްޔިތުން މިއުދަގޫ ތަޙައްމަލް ކުރަމުންދާތާ 18 އަހަރަށް ވުރެ ގިނަ ވެއްޖެ. އެހެންނަމަވެސް ވޭތުވެދިޔަ ސަރުކާރު ތަކުންވަނީ މިކަމަށް ނުކުޅެދިފައި. މިއަދުގެ ސަރުކާރުން މިވަނީ ރައްޔިތުންގެ ގިނަދުވަސްވީ އުންމީދުތަކުގައި ކުލަޖައްސާލަދީފައި. ސަރުކާރަށާއި ރައީސް ޔާމީނަށް ދާއިރާގެ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން. އަދި ރައްޔިތުންނަށް މަރްޙަބާ ކިޔަން" ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.



ނައިފަރުގެ އިތުރުން މިއަދު ސޮއިކުރި އަނެއް މަޝްރޫއަކީ ތ.ވޭމަންޑޫގައި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫޢުއެވެ. މި އެއްބަސްވުމުގެ ދަށުން، ނަރުދަމާގެ ވިއުގަ ޤާއިމުކުރުމާއި ސްވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާއިއެކު މިކަންކަން ކުރާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގ އެއް ޤާއިމުކުރެވޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

148.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ފެށި މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް  އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 18 މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

އެކަށީގެންވާ ބޯފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، 18 ރަށެއްގެ ނަރުދަމާގެ މަސައްކަތް ނިންމާ މިހާރު 21 ރަށެއްގެ މަސައްކަތް ދަނީ ކުރަމުން. އަދި 15 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކޮށް، އިތުރު 16 ރަށެއްގައި ބޯފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ބުނޭ. ސަރުކާރުގެ ޢަމާޒަކީ، ސަރުކާރުގެ މިދައުރު ނިމުމުގެ ކުރިން އާބާދީގެ 75 އިން ސައްތައަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމްގެ ޚިދްމަތް ދިނުންކަމަށް އެންވައިޔަރަންމެންޓް މިނިސްޓަރ ޠޯރިޤް އިބްރާހިމް ވިދާޅުވިއެވެ.