ޚަބަރު

އިސްމާޢީލް ޢުމަރު މަރާލިކަމަށް ބިދޭސީ މީހާ އިޢުތިރާފްވެއްޖެ


ހއ. އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓް ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އިސްމާއީލް ޢުމަރު މަރާލިކަމަށް މިމައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވާ ބިދޭސީއަކު އެއްބަސްވެއްޖެއެވެ.

އިސްލާއީލް އުމަރުގެ މަރުގެ މައްސަލައާ ގުޅުންހުރިކަމުގެ ތުހުމަތުގައި ފުލުހުންވަނީ ބަންގްލަދޭޝްގެ 5 ރައްޔިތަކު ހައްޔަރުކޮށްފައެވެ. މި 5 މީހުންގެ ތެރެއިން އިސްމާޢީލް އުމަރު މަރާލިކަމަށް އެއްބަސްވެފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝުމަން މިއާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި އިސްމާއީލް އުމަރަށް ހަމަލާދިނުމަށް ޝުމޮން މިއާ ގެންގުޅުނު ހަތިޔާރާއި، ޙަމަލާދިންއިރު އޭނާ ލައިގެންހުރި ހެދުންވެސް ފުލުހުން މިހާރު ހޯދާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ޝުމަން މިއާގެ އިތުރުން، މި މައްސަލައިގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އިތުރު 4 ބިދޭސީއަކުވެސް ފުލުހުން ވަނީީ ހައްޔަރުކޮށްފައެވެ.

ޢުމުރުން 54 އަހަރުގެ އިސްމާއީލް އުމަރު ރަޙުމު ކުޑަގޮތަކަށް މަރާލާފައިއޮއްވާ ފެނިފައިވަނީ ހުކުރުދުވަހުގެ ހަވީރުގެ ވަގުތެއްގައި، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސްޕްލާންޓް ބަލައި ފާސްކުރަމުންދަނިކޮށެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤް ކުރަމުންނެވެ.