ޚަބަރު

އިހަވަންދޫ މަރާ ގުޅިގެން އިތުރު 4 ބިދޭސީއަކު ހައްޔަރުކޮށްފި


ހއ.އިހަވަންދޫގައި މީހަކު މަރާލާފައި އޮއްވާ ފެނުނު މައްސަލައިގެ ތުހުމަތުގައި އިތުރު 4 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ހަތަރު މީހުންގެ އިތުރުން ރޭ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ބިދޭސީއަކު ގެންގޮސްފައިވެއެވެ.

ހއ. އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސްޕްލާންޓްގެ ތެރޭގައި އަނިޔާވެރިގޮތަކަށް މީހަކު މަރާލާފައި އޮއްވާ ފެނިފައިވަނީ އިއްޔެ ހަވީރުއެވެ. އުމުރުން 54 އަހަރުގެ މި ފިރިހެން މީހާ ފެނިފައިވަނީ ބޮޑެތި ޒަހަމް ތަކަކާއެކުގައެވެ. މި މީހާއަކީ އައިސްޕްލާންޓްގައި ވަޒީފާ އަދާކުރަމުންއައި ޅ. ހިންނަވަރަށް ނިސްބަތްވާ އިސްމާޢީލް އުމަރު ނަމަކަށް ކިޔާ މީހެއް ކަމަށް މަޢުލޫމާތުލިބެއެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓްމަންޓުން ގެންދަވަނީ އިތުރަށް ތަޚްޤީޤް ކުރައްވަމުންނެވެ.