ވިޔަފާރި

ޗައިނާއިން މޭވާއާ ތަރުކާރީ ބާވަތްތައް އެތެރެކުރަން މަޝްވަރާކޮށްފި


ޗައިނާގެ ކުންމިންގ ސިޓީން ދިވެހިރާއްޖެއަށް ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެތެރެކުރުމާއި ގުޅޭގޮތުން ކުންމިންގ ސިޓީގެ ވިޔަފާރިވެރިންނާއިއެކު އިކޮނޮމިކް މިނިސްޓްރީން މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ. ރާއްޖޭގެ ވަފުދުން ބައްދަލުކުރި ކުންމިންގގެ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނެނީ މިހާރުވެސް ރާއްޖެއަށް ތަރުކާރީ އާއި މޭވާގެ އިތުރުން މަލުގެ ބާވަތްތައް ފޮނުވާ ވިޔަފާރިވެރިންނެވެ.

ކުންމިން ސިޓީގެ ވިޔަފާރިވެރިންނާއިއެކު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ދިވެހި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީޤެވެ. ކުންމިން ސިޓީގެ ވިޔަފާރިވެރިންނާއިއެކު އިކޮނޮމިކް މިނިސްޓްރީގެ ވަފުދުން ބޭއްވި ބައްދަލުވުމުގައި އެ ސިޓީން ތަރުކާރީ އާއި މޭވާގެ ބާވަތްތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް އެތެރެކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުމްތާޒް ބައިވެރިވެ ވަޑައިގެންނެވިއެވެ. img:http://s1.psmnews.mv/images/660x400/14975484639533.jpg|ޗައިނާއިން މޭވާއާ ތަރުކާރީ ބާވަތްތައް އެތެރެކުރަން މަޝްވަރާކުރުން - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިކޮނޮމިކް މިނިސްޓްރީގެ ވަފުދުން ވަނީ، ޔުނާން މޯލްޑިވްސް ވަރކިންގ ގްރޫޕާވެސް ބައްދަލުކޮށްފައެވެ. ޔުނާން މޯލްޑިވްސް ވަރކިންގ ގްރޫޕާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާ އާއި ތައުލީމީ ދާއިރާ ތަރައްޤީ ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފަވެއެވެ. ޔުނާން މޯލްޑިވްސް ވަރކިންގ ގްރޫޕާއެކު ރާއްޖޭގެ ޞިއްޙީ އަދި ތައުލީމީ ދާއިރާ ތަރައްޤީކުރުމާއި ބެހޭގޮތުން މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާއިރު، ކުންމިންގެ ސްކޯލަރޝިޕްގެ ދަށުން މިހާރުވެސް ރާއްޖޭގެ ހަ ދަރިވަރަކު ކުންމިންގެ އެކި ޔުނިވަރސިޓީގައި މަތީ ތައުލީމް ހާސިލްކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ވަފުދުން ކުންމިން ސިޓީގެ ވިޔަފާރިވެރިންގެ އިތުރުން ޔުނާން މޯލްޑިވްސް ވަރކިންގ ގްރޫޕާ ބައްދަލުކޮށްފައިވާއިރު، އެ މިނިސްޓްރީން ގެންދަވަނީ މިހާރު ޗައިނާގެ ކުންމިންގގައި ކުރިއަށްދާ ކުންމިންގ ފެއާގައި ދިވެހިރާއްޖޭގެ އުފެއްދުންތައް މާކެޓްކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަވަމުންނެވެ. ކުންމިންގ ފެއާގައި ރާއްޖޭގެ 4 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. img:http://s1.psmnews.mv/images/660x400/14975484769727.jpg|ޗައިނާއިން މޭވާއާ ތަރުކާރީ ބާވަތްތައް އެތެރެކުރަން މަޝްވަރާކުރުން - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ކުންމިންގ ފެއާގައި ދިވެހިރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް، ދުނިޔޭ ބާޒާރަށް ދިވެހި އުފެއްދުންތައް ނެރުމަށްޓަކައި ތަފާތު އެކިއެކި މަސައްކަތްތައް ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަށްދާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.