ޚަބަރު

އައިޔޫއެމާއި ސީއެސްސީން ތަޖުރިބާ ހިއްސާކުރަން އެއްބަސްވެއްޖެ


އިލްމާއި ތަޖުރިބާ ބަދަލުކޮށް ހިއްސާ ކުރުމާއި، ދިރާސާތައް ކުރުމުގައި ގުޅިގެން މަސައްކަތް ކުރުމާގުޅޭ އެއްބަސްވުމެއްގައި ސިވިލްސާވިސް ކޮމިޝަނާއި، އިސްލާމީ ޔުނިވަރސިޓީން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ތަފާތު 9 ކަމެއް ހާސިލްކުރުމަށް ދެފަރާތުންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު ވިދާޅުވީ، ކުރިއަށްއޮތްތަނުގައި އިސްލާމީ ޔުނިވަރސިޓީއާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިޓިއުޓުން ހިންގާ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު މަތިކުރުމާއި، ދެފަރާތުގެ ތަޖުރިބާއާއި ފަންނުވެރިކަމުގެ ބޭނުން ހިފައި އިންސާނީ ވަސީލަތް ބިނާކޮށް ކުރިއެރުވުމުގައި ދައުލަތުގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެ ޔުނިވަރސިޓީގެ ޤަވާއިދުތައް އެކުލަވާލާފައިވަނީ ސިވިލް ސަރވިސްގެ ޤަވާއިދުތަކާއި ދާދި އެއްގޮތަށް ކަމަށާއި، އެކަމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލެއްވުން މިހާރުވެސް ލިބެމުންދާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އިސްލާމީ ޔުނިވަރސިޓީއަށް ލިބިފައިވާ ޒަމާނީ ވަސީލަތްތަކާއި ފަންނީ ބޭފުޅުންގެ އެހީތެރިކަން ސީ.އެސް.ސީއަށް ލިބިގެންދާނެކަން ފާހަގަކުރިއެވެ.

ޑރ. ޝަހީމްގެ ވާހަކަފުޅުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން އިމާމުންނާއި މުދިމުންނަށް ޚާއްސަކޮށްގެން އެ ޔުނިވަރސިޓީން ރާއްޖޭގައި އަލަށް ފަށާ "އިމާމްޝިޕް އެންޑް ލޯކަލް ގަވަނަންސް" ކޯސް އިމާނުންނާއި މުދިމުން ފުރިހަމަކުރެއްވުމުގެ މުހިއްމުކަންވެސް ފާހަގަކޮށްފައިވެއެވެ.

އިސްލާމީ ޔުނިވަރސިޓީ އާއި ސިވިލްސާވިސް ކޮމިޝަނުން ސޮއިކުރި އެއްބަސް ވުމުގެ ދަށުން ޢިލްމު ފުޅާކުރުމަށާއި ތަޖްރިބާ ހިއްސާކުރުމަށް އަދި ދިރާސާތައް ކުރުމަށާއި މަސައްކަތުގެ ހުނަރު މަތިކޮށް މަޢުލޫމާތު މުއްސަނދި ކުރުމަށްޓަކައި ކޮންފަރެންސް، ސިމްޕޯޒިއަމް، ސެމިނަރ އަދި ވާރކްޝޮޕް ފަދަ ހަރަކާތްތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.