ޚަބަރު

އެންޓަޓައިންމަންޓް އެވޯޑްގެ ބްރޯޑްކާސްޓިންގޕާރޓްނަކަށް ޕީއެސްއެމް


ރާއްޖޭގައި ފުރަތަމަފަހަރަށް ދޭ "މޯލްޑިވްސް އެންޓަޓައިންމަންޓް އެވޯޑް"ގެ ބްރޯޑްކާސްޓިންގ ޕާރޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސަން މީޑިއާ ގްރޫޕާއެކު ސޮއިކޮށްފިއެވެ. 

"މޯލްޑިވްސް އެންޓަޓައިންމަންޓް އެވޯޑް" އަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަަސައްކަތްކުރާ މީހުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ޚާއްޞަކޮށްގެން ސަން މީޑިއާ ގްރޫޕުން ތަޢާރަފްކުރި އެވޯޑެކެވެ. ޕީއެސްއެމް ސެނެކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އީ-ކޮމާސް އިބްރާހީމް ނަސްރީނެވެ. ސަން މީޑިއާ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ މިންހާ ފާއިޒް ރަޝީދެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ ޑިރެކްޓަރ އީ-ކޮމާސް އިބްރާހީމް ނަސްރީން ވިދާޅުވީ، ޕީއެސްއެމްގެ މެނޭޖްމަންޓްގެ ވިސްނުމަކީ ރާއްޖޭގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެއްބާރުލުން ދެއްވުންކަމަށެވެ. އެގޮތުން މި އެއްބަސްވުމަކީވެސް މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ކުރިއެރުވުމަށް ސަން މީޑިއާއިން އިސްނަންގައިގެން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ޕީއެސްއެމުން ނިންމި ނިންމުމެއްކަމަށް އޭނާ ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14975226995058.jpg|މިއަދުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑިރެކްޓަރ އީ-ކޮމާސް އިބްރާހީމް ނަސްރީން ވާހަކަދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

ސަން މީޑިއާ ގްރޫޕްގެ  ޗީފް އޮޕަރޭޓިންގ އޮފިސަރ މިންހާ ފާއިޒް ރަޝީދު ވިދާޅުވީ، މިއީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސަން މީޑިއާއިން އިސްނަގައިގެން ދޭން ފަށާ އެވޯޑެއްކަމަށެވެ. އެ ގްރޫޕްގެ ވިސްނުމަކީ މުނިފޫހިފިލުވުމުގެ ދާއިރާ ވީހާވެސް ބޮޑަށް ފުޅާކުރުންކަމަށް މިންހާ ވިދާޅުވިއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޓޮޕް މެނޭޖްމަންޓްގެ ބޭފުޅުންނާއި ސަން މީޑިއާ ގްރޫޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.