ޚަބަރު

ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުގެ ޤްރުއާން މުބާރާތް ފަށައިފި


ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޤްރުއާނާއި މަދަޙަ އަދި ދީނީ ސުވާލުގެ މުބާރާތްތައް ފަށައިފިއެވެ.

މި މުބާރާތުގައި 50 ފަރާތުން ބައިވެރިވެފައިވާ ކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

މި މުބާރާތްތަކުގެ މަޤްޞަދަކީ ރައްޔިތުންގެ ހިތްތަކުގައި ދީނީ ރޫޙް އާލާ ކުރުމާއި ކީރިތި ޤުރުޢާންއަށް ލޯބި ޖެއްސުންކަމަށް ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުން މަޢުލޫމާތުދެއެވެ. މިއީ ފީއަލީގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތް ކަމަށް އެ ޖަމްޢިއްޔާގެ މީޑިއާ އޮފިޝަލް މުޙައްމަދު ފަޒީން ވިދާޅުވިއެވެ.

މި މުބާރާތްތަކުގެ އުމުރުފުރާތަކަކީ 6 އަހަރުން ދަށާއި، 7 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުން ދަށާއި، 21 އަހަރުން ދަށާއި 21 އަހަރުން މަތީގެ މީހުންގެ ޢުމުރުފުރާއެވެ.

މުބާރާތްތަކުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި، ހަނދާނީ ލިޔުމާއި ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

މިއީ އެ ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން މި މުބާރާތް ބާއްވާ 12 ވަނަ ފަހަރެވެ.