ޚަބަރު

ޔޫ.އޭ.އީ ގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ‏‏ އަރުވައިފި





ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ‏‏އާ ސަފީރު ޢަބްދުލްޙަމީދު އޭ. ކޭ އަލް މުއްލާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.‏


 
މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ‏‏މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ، ޔޫ.އޭ.އީ.ގެ އާ ސަފީރާ ‏‏ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ޔޫ.އޭ.އީ.އާއި ރާއްޖެއާ ދެމެދު އޮތް ގާތް ‏‏ގުޅުން، އާ ސަފީރުގެ ދައުރުގައި، އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ‏‏ވިދާޅުވިއެވެ.‏


 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ‏‏ކުރުމަށް ‏‏އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާ ކަމުގައި ‏‏ވިދާޅުވިއެވެ. ‏މިގޮތުން، ރާއްޖޭގައި ‏‏ވިޔަފާރިއާއި ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށް ‏‏ގެންދިޔުމަށްޓަކައި، ޔޫ.އޭ.އީ.ގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ‏‏ފުރުޞަތުތަކާ ބެހޭގޮތުން ‏‏ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ‏


 
ޔޫ.އޭ.އީގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއާއި ޔޫ.އޭ.އީ.އާ ދެމެދު އޮތް ޒަމާންވީ ‏‏ގުޅުމުގެ މައްޗަށް ބައްލަވައިލައްވަމުން، ދެޤައުމުން އަބަދުވެސް އެއްޤައުމުން އަނެއް ޤައުމަށް ‏‏ވާގިވެރިވެ، އެހީތެރިކަން ފޯރުކޮށްދެމުން އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށްއޮތް ‏‏ތަނުގައިވެސް ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ޔޫ.އޭ.އީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ‏‏އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.‏