ޚަބަރު

"މޯލްޑިވްސް ނެޝަނަލް ހެލްތް އެކައުންޓްސް 2014" އިފްތިތާޙްކޮށްފި


ރާއްޖޭގެ ސިއްޙީ ކަންކަމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެހީދޭ ފަރާތްތަކުން ކުރާ ހޭދަ އަންދާޒާކޮށް، ވަޞީލަތްތަށް ބެހިގެންދާގޮތް ދެނެގަތުމަށްޓަކައި އެކުލަވާލާފައިވާ ރިޕޯޓު "މޯލްޑިވްސް ނެޝަނަލް ހެލްތް އެކައުންޓްސް 2014" އިފްތިތާޙްކޮށްފިއެވެ.

"މޯލްޑިވްސް ނެޝަނަލް ހެލްތް އެކަންޓްސް 2014" އިފްތިތާޙްކޮށްދެއްވީ ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރެވެ. މިއީ 2012 ވަނަ އަހަރު އާސަންދަ ޠަޢާރަފް ކުރިފަހުން، އެކުލަވާލައި ޢާއްމުކުރި ފުރަތަމަ ނެޝަނަލް ހެލްތް އެކައުންޓް ރިޕޯޓެވެ. މި ރިޕޯޓްގެ މަޤްސަދަކީ ސިއްޙީ ދާއިރާ ދަތުރުކުރަމުންދާ މިސްރާބާއި ލަޑުދަޑިތަށް ހާސިލްވަމުންދާ މިންވަރު ދެނެގަތުމެވެ. img:http://s3.psmnews.mv/images/660x400/14973535594286.jpg|ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރު - ފޮޓޯ: ޕީއެސްއެމް

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދު ﷲ ނާޡިމް އިބްރާހިމް ވިދާޅުވީ 2014 ވަނަ އަހަރު، ރާއްޖޭގެ ޞިއްޙީ ކަންކަމަށް މުޅި ޖުމްލަ ހަތަރު ހާސް ދުއިސައްތަ އަށްޑިހަ ހަތް، މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

މިއީ ސިއްޙީ ފަރުވާ ހޯދުމަށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދެއްވުމަށް ސަރުކާރުން ކަނޑައަޅާފައިވާފައިވާ ސިޔާސަތުތަކުގެ ސަބަހުން ލިބުނު ކުރިއެރުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި 2014 ވަނަ އަހަރު ސިއްޙީ ދާއިރާއަށް ކޮށްފައިވާ ހޭދަތަކާއި، ބޭނުންކޮށްފައިވާ ވަސީލަތްތަކަށް ރިއާޔަތްކޮށް ހޯދާފައިވާ މަޢުލޫމާތުތައް ވަނީ ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ހުށަހަޅާފައެވެ. img:http://s4.psmnews.mv/images/660x400/14973535323970.jpg|ހެލްތު މިނިސްޓަރ އަބްދުﷲ ނާޡިމް އިބްރާހީމް - ފޮޓޯ: ޕީއެސްއެމް

ދެމެހެއްޓެނިވި ގޮތެއްގައި ސިއްޙީ ޙިދުމަތްތައް ފޯރުކޮށްދިނުމަށާއި ޞިއްޙީ ކަންކަމަށް ކުރެވޭ ހޭދަ އެންމެ ފައިދާ ކުރުވަނިވި ގޮތަކަށް ބޭނުން ކުރުމަށް، ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޙަރަކާތްތައް އިތުރަށް ފުޅާކޮށް، ބަލިވުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ފަރުދީ ޒިންމާއެއް ކަމުގައިދެކިގެން ރައްޔިތުންވެސް މިފަދަ ފިޔަވަޅުތައް އެލުމަށް މިނިސްޓްރީ އޮފް ހެލްތުން އިލްތިމާސް ކުރައްވައެވެ.