ކުޅިވަރު

ބޫޓާނާއި ރާއްޖެ ވާދަކުރާ މެޗު ލައިވް، މެޗަށް ޓީމް ތައްޔާރު


މިއަދު ބޫޓާނާ ވާދަކުރާ މެޗަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ޤައުމީ ޓީމުގެ މިޑްފިލްޑަރ މުހައްމަދު އުމެއިރު ބުނެފިއެވެ.

ބޫޓާންގައި މެޗަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އެންމެ ފަހު ފަރިތަކުރުންތަކަށް ފަހު އުމެއިރު ބުނީ މެޗަށް ތައްޔާރުވުމުގެ ގޮތުން ޓީމު އެއްކޮށް އުޅޭތާ ހަފްތާއެއް ހާ ދުވަސް ވެފައިވާއިރު މެޗުން ތިން ޕޮއިންޓް ނުހޯދެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"ރޯދަ ހިފައިގެންވެސް ހުރިހާ ކުޅުންތެރިން ވަރަށް ރަނގަޅަށް ފަރިތަކުރުންތަކުގައި ބައިވެރިވެ، މަސައްކަތް ކުރަމުން މިދިޔައީ މިވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި. އަޅުގަނޑަށް ހީވަނީ ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވެފަހެން ތިބީ. އަފްޣާނިސްތާން މެޗުން ބަލިވިނަމަވެސް އަޅުގަނޑު ވަރަށް ހިތްހަމަ ޖެހިފަ މިހުރީ ޓީމުން ދެއްކި ކުޅުމާ މެދު. އެމެޗުގައި ދެއްކި ކުޅުން ބޫޓާން މެޗުގައި ދެއްކިއްޖެނަމަ މެޗުން ތިން ޕޮއިންޓު ނުލިބެންވީ ސަބަބެއް ނެތް." އުމެއިރު ބުންޏެވެ.

img:http://s3.psmnews.mv/images/660x400/14973330534216.jpg|ޕްރެކްޓިސްގައި އުމެއިރު ބޯޅަ ކުރިއަށް ފޮނުވާލަނީ: ފަރިތަކުރުންތަކާމެދު އޭނާ ހިތްހަމަ ޖެހޭ- ފޮޓޯ: އެފްއޭއެމް

ޤައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނީ މިމެޗަށް ތައްޔާރުވުމުގެ ގޮތުން ރަނގަޅު ފަރިތަކުރުންތަކެއް ބޭއްވިފައިވާ ކަމަށާއި އަފްޣާނިސްތާނު މެޗުގައިވެސް އެހާ ރަނގަޅު ކުޅުމެއް ދެއްކުމަކީ އޭގެ ނަތީޖާކަމަށެވެ. ފާސިރު ބުނީ މެޗަށް ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ މެޗުން ތިން ޕޮއިންޓް ހޯދާނެ ކަމަށެވެ.

"މިމެޗަށް ތައްޔާރުވުމުގެ ގޮތުން ދުބާއި އަދި ތައިލޭންޑްގައި ފަރިތަކުރުންތައް ބޭއްވުމަށްފަހު މިހިސާބަށް މިއައީ. ޓީމު މިއޮތީ ވަރަށް ރަނގަޅަށް މެޗަށް ރެޑީވެފަ. އިރާދަކުރެއްވިއްޔާ ތިން ޕޮއިންޓު ހޯދާނަން. ޕްރެކްޓިސްތައް ވަރަށް ރަނގަޅަށް ދިއައީ، ބޫޓާން ފިނިނަމަވެސް މެޗުން މޮޅު ނުވެވޭންވީ ސަބަބެއް ނެތް." ސެންޓޭ ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ރާއްޖެ ގަޑިން ފަހެއް ޖަހާއިރުއެވެ. މެޗު ޓީވީއެމްއާއި ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.