ޚަބަރު

"މަލޭ މަސްމާރުކޭޓްގައި ވިއްކާ މަހުގެ ކޮލިޓީ ދަށް"


މަލޭ މަސްމާރުކޭޓްގައި ވިއްކާ މަހުގެ ކޮލިޓީ ދަށްކަމަށް މަސް ގަންނަންދާ ފަރާތްތަކުން ފާހަގަކުރަން ފަށައިފިއެވެ.

މާރުކޭޓްގައި ގިނައިން ވިއްކަމުންދަނީ އައިސްކޮށްގެން ވިއްކާ މަސްކަން ފާހަގަކޮށްލެވެއެވެ. މާލޭ މަސްމާރުކޭޓަށް ބަލާއިރު ދުވަހުން ދުވަހަށް ބާނާ ތާޒާ މަސް މަދުކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް އެދުވަހެއްގައި ބާނާ ތާޒާ މަސް ވަރަށް މަދެވެ. މާރުކޭޓްގައި ގިނައިން ވިއްކަމުން ދަނީ އައިސްކޮށްގެން ވިއްކާ މަހެވެ. މާރުކޭޓްގައި ގިނައިން މަސްވިއްކަމުންދަނީ މަސްވެރިންގެ އަތުން މަސް ގަނެގެން މަސް ވިއްކާ މީހުންނެވެ. ދިވެހި ބާޒާރުގައި ވިޔަފާރި ބަހުރުވައިން ނަމަ ގަނެވިއްކާ މީހުންނެވެ. މާރުކޭޓްގައި މަސްވިއްކާ ބައެއް ފަރާތްތަކުން އެދުވަހަކު ނުވިކި ހުންނަ މަސް އައިސްއަޅައި ރައްކާކުރެއެވެ. އަދި ޖެހިގެން އަންނަ ދުވަހުވެސް އެ މަސްތައް މާރުކޭޓަށް ނެރެ ވިއްކަން ބެހެއްޓުމަށްފަހު ނުވިކި ހުންނަ މަސް އަނެއްކާވެސް އައިސް އަޅައިގެން ރައްކާ ކުރެއެވެ. މީގެ ސަބަބުން މަހުގެ ކޮލިޓީ ވަރަށް ބޮޑަށް ދަށްވެގެންދެއެވެ. img:http://s4.psmnews.mv/images/660x400/14972659047105.jpg|މާލޭ މަސްމާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި މަސްތަކެއް - ފޮޓޯ: ޕީއެސްއެމް / ޢަބްދުﷲ ޙުސައިން

މިފަދަ މަސް އަގުހެޔޮކޮށް ވިއްކަމުންދާކަން ފާހަގަކުރެވެއެވެ. މާރުކޭޓްގައި ވިއްކާ މަހަށް ބަލާއިރު އިންސާނުން ކެއުމަށް ބޭނުންކުރަން އެކަށީގެން ނުވާވަރުގެ ކޮލިޓީ ދަށް މަސްވެސް މާރުކޭޓްގައި ވިއްކަން ހުރެއެވެ. މިފަދަ މަސް ކެއުމުގެ ސަބަބުން ޞިއްޚީ އެތައް މައްސަލަތަކެއް ދިމާވެއެވެ. ކޮލިޓީ ދަށް މަސް ކެއުމުގެ ސަބަބުން ބޭރަށް ހިންގުމާއި، ބޮލުގައި ރިއްސުމާއި، ހޮޑުލެވުންފަދަ ޞިއްޚީ މައްސަލަތައް ދިމާވާނެ ކަމަށް ޞިއްޚީ ތަޖުރިބާކާރުން ވިދާޅުވެއެވެ. ތާޒާމަހާއި ތާޒާނޫން މަސް ދެނެގަންނަން އެންމެ ފަސޭހަވާނީ މަހުގެ ލޮލާއި ކަރުގަނޑުންނެވެ. ކޮލިޓީ ދަށްވުމުގެ ސަބަބުން މަހުގެ ލޮލާއި ކަރުގަނޑުގެ ކުލަ ބަދަލުވެއެވެ. އަދި މަހުގެ މަސްގަނޑު މަޑުވެއެވެ. އަދި މަހުން ދުވާ ވަހުންވެސް އެމަހުގެ ކޮލިޓީ ދެނެގަނެވޭނެއެވެ. img:http://s3.psmnews.mv/images/660x400/14972659302787.jpg|މާލޭ މަސްމާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި މަސްތަކެއް - ފޮޓޯ: ޕީއެސްއެމް / ޢަބްދުﷲ ޙުސައިން

މާލޭ މަސްމާރުކޭޓް ބަލަހައްޓަމުން ގެންދަނީ މާލޭ ސިޓީ ކައުންސިލުން ބަޔަކާ ޙަވާލުކޮށްގެންނެވެ. ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ، މަސް މާރުކޭޓްގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ. އަދި މަހުގެ ކޮލިޓީއާބެހޭގޮތުން ރަސްމީގޮތުން ޝަކުވާ ހުށައެޅިފައި ނުވާކަމަށާއި އެހެންނަމަވެސް މީހުން އެ ވާހަކަ ދައްކާ އަޑުއްސަވާކަމަށް ޝިފާ ވިދާޅުވިއެވެ. މަސް މާރުކޭޓް ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވާ ފަރާތާ އެކަމާމެދު ވަހަކަދައްކަވަމުން ގެންދާކަމަށްވެސް ޝިފާ ވިދާޅުވިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ، މަސް މާރުކޭޓްގައި ކޮލިޓީ ދަށް މަސްވިއްކާ ކަމުގެ ޝަކުވާ ރަސްމީކޮށް ހުށައަޅާފައި ނުވިނަމަވެސް އެފަދަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.