ކުޅިވަރު

ބޫޓާން މެޗަށް ހުރިހާ ކުޅުންތެރިންވެސް ފިޓް - ޤައުމީ ކޯޗު


ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މެޗަށް ފިޓު ކަމަށާއި ޓީމު އޮތީ ވަރަށް ރަނގަޅަށް މެޗަަށް ތައްޔާރުވެފައި ކަމަށް ޤައުމީ ޓީމުގެ ކޯޗު ބުނެފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ބޫޓާންއަށް ދަތުރުކޮށްފައި ވަނީ އިއްޔައެވެ. ބޫޓާނަށް ދިއުމަށްފަހު ޓީމު ވަނީ ބޫޓާންގައި ފުރަތަމަ ފަރިތަކުރުން އިއްޔަ ހަވީރު ބާއްވާފައެވެ. ފަރިތަކުރުން ނިންމާލުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ކޯޗު ޑެރެން ސްޓުއާޓް ބުނީ ފުރަތަމަ ފަރިތަކުރުންތައް ކުރިއަށް ގެންދިއައީ ވަރަށް ލައިޓްކޮށް ކަމަށެވެ.

ކޯޗު ބުނީ ގާތްގާތުގައި ގިނަ ދަތުރުތަކެއް ކުރަން ޖެހުމުން ވަރުބަލިކަމުގެ އަސަރު ހުރިކަމަށެވެ. އަދި ބޫޓާންއަށް ޓީމު އައީ ކުރިން ރޭ އެއްވެސް ވަރަކަށް ނުނިދާ ތިބެ ކަމުގައި ކޯޗު ފާހަގަކުރިއެވެ.



"ގިނަ ދަތުރުތަކެއް ގާތް ގާތުގައި ކުރަން ޖެހުމުގެ ސަބަބުން ޓީމުގައި ވަރުބަލިކަމުގެ އަސަރު އެބަހުރި. އެހެންނަމަވެސް އަނިޔާގެ އެއްވެސް މައްސަލައެއް މިހާރު ޓީމަކުނެތް. ޤައުމީ ޓީމާ ގުޅުނު އިރު މާޒިޔާގެ ބައެއް ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް އުޅުނު، އެކަމު މިހާރު މިކުޅުންތެރިންވެސް ތިބީ މުޅިން ފިޓްކޮށް މެޗަށް ތައްޔާރުވެފައި." ކޯޗު ބުންޏެވެ.

 އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ ބޫޓާން އާއި ދެކޮޅަށް ބޫޓާންގައި ނިކުންނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ.