ދީނާއި އަޅުކަން

ނުރަނގަޅު އަމަލުތަކުން ކުޑަކުދިން ރައްކާތެރިކުރަން ގޮވާލައްވައިފި


މުޖުތަމަޢުގައި ހިނގާ ނުރަނގަޅު އަމަލުތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އިސްލާމިކް މިނިސްޓަރ އިލްތިމާސް ކުރައްވައިފިއެވެ. މިނިސްޓަރ މިފަދައިން އިލްތިމާސް ކުރައްވާފައިމިވަނީ ރޭ ބޭއްވި ރަމަޟާން މަހުގެ ރޭތަށް އިޙްޔާކުރުމުގެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ ފޯރަމަކީ، އެއިރެއްގައި މުޖުތަމަޢުގައި ހިނގަމުން އަންނަ ނޭދެވޭ ކަންތައްތަކަށް މުޚާތަބުކުރެވޭ ގޮތަށް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދުވަނީ، މުޖުތަމައުގައި ހިނގާ ނުރަނގަޅު ކަންކަމުގައި ކުޑަކުދިން ބައިވެރިވާ ނިސްބަތް އިތުރުވަމުންދާކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިފަދަ ކަންކަމުން ކުޑަކުދިން ދުރުހެލި ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި، މިކަމުގައި ބެލެނިވެރިންގެ ދައުރު ފުޅާކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

ރޭގެ އިޙްޔާ ފޯރަމްގެ މަޢުޟޫއަކަށް ކަނޑައަޅާފައިވަނީ ބަދުރު ހަނގުރާމައިން ލިބޭ އިބުރަތްތަކަށެވެ. މި ފޯރަމްގައި މި މަޢުޟޫއަށް ވާހަކަ ދައްކަވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދުއާއި، އައްޝޭޚް އިބްރާޙިމް އަހްމަދުއެވެ. img:http://s2.psmnews.mv/images/660x400/14969884229932.jpg|އިހްޔާ ފޯރަމުގެ ތެރެއިން - ފައިލް ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިދެބޭފުޅުންގެ ވާހަކަގައިވެސް ބަދުރު ހަނގުރާމައިގައި ރަސޫލާ ގެންގުޅުއްވި ޙިކްމަތްތެރި ގޮތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އެގޮތުން ހަނގުރާމަ ކުރެއްވެމުގައި ކީރިތި މާތް ރަސޫލާ ގެންގުޅުއްވި މަޝްވަރާކުރުމުގެ އުސޫލަށް އައްޝޭޚް އިބްރާހިމް އަޙްމަދު ބައްލަވާލެއްވިއެވެ. އަދި ބަދުރު ހަނގުރާމައިން މުސްލިމުންނަށް ނަސްރު ލިބުމުގެ ފަހަތުގައި ވަނީ މަޝްވަރާކުރުން ކަން ފާހަގަ ކުރައްވައި، ޝައިޙް ވަނީ އިސްލާމް ދީނުގައި މަޝްވަރާކުރުމަށް ދީފައިވާ އިސްކަން ފާހަގަ ކުރައްވާފައިވެއެވެ.

މި ފޯރަމްގައި، އިސްލާމްދީނަކީ ކަނޑިބަޑީގެ ބާރުން ހިނގާ ދީނެއް ނޫންކަން ފާހަގަ ކުރައްވައި، އިސްލާމީ ތާރީޚްގައި ހިނގާދިޔަ ހަނގުރާމަތަކުގައި އަސީރުންނާމެދު އަމަލު ކުރެވުނު ގޮތްތަކާބެހޭގޮތުން ތަފްސީލްކޮށް މަޢުލޫމާތު ދީފައިވެއެވެ.

ހަނގުރާމައިގައި ހައްޔަރު ކުރެވޭ އަސީރުންނާ މެދު ރަސޫލާ އަމަލުކުރައްވާފައިވާ ގޮތްތަކުން ގިނަގުނަ އިބްރަތްތެރި ފިލާވަޅުތަކެއް ލިބިގެންދިޔަކަން މި ފޯރަމް އަޑުއެހުމަށް ދިޔަ ބައެއް މީހުން ފާހަގަކުރިއެވެ. އަދި ބަދުރު ހަނގުރާމައާއި ބެހޭގޮތުން މީގެ ކުރިން ނޭނގޭ އެތައް މަޢުލޫމާތުތަކެއް ލިބިގެން ދިޔަކަންވެސް ފާހަގަ ކޮށްފައިވެއެވެ.

އިޙްޔާ ފޯރަމަކީ ދީނީ އެކި މަޢުލޫމާތުތައް އާންމު ރައްޔިތުންނަށް ފޯރުކޮށްދީ ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިދިޔަ އަހަރުން ފެށިގެން މި ފޯރަމް ކުރިން ގެނެސްދެމުން އައި ގޮތަށް ބަދަލުތަކެއް ގެނެސްފައިވާއިރު، މި ފޯރަމް އަޑުއެހުމަށް ގިނަ ޢަދަދެއްގެ ބަޔަކު އިސްލާމިކް މިނިސްޓްރީއަށް ޙާޟިރުވެއެވެ. މި ފޯރަމްގެ ހުރިހާ ޖަލްސާއެއް ޕީ.އެސް.އެމްގެ ޓީވީއެމް އަދި މުންނާރު ޓީވީއިން ވަގުތުން ގެނެސްދެއެވެ.