ޚަބަރު

އިނގިރޭސިވިލާތުގެ ވިސާ ރާއްޖެއިން ލިބޭނެ އިންތިޒާމް ހަމަޖައްސަނީ


ދިވެހިންނަށް ރާއްޖޭގައި ތިބެގެން އިނގިރޭސިވިލާތުގެ ވިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރާއްޖެއިން އިނގިރޭސިވިލާތަށާއި، ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޔާން ވިދާޅުވެއްޖެއެވެ.

މިހާރު އިނގިރޭސިވިލާތުގެ ވިސާޖެހުމަށް ދިވެހިން ދަނީ ކޮލަމްބޯގައި ހުންނަ އިނގިރޭސި އެމްބަސީއަށެވެ. ޕީއެސްއެމާ ވާހަކަ ދައްކަވަމުން ޝިޔާން ވިދާޅުވީ، އިނގިރޭސިވިލާތުގައި ގިނަ ޢަދަދެއްގެ ދިވެހި ކިޔަވާކުދިން އެބަތިބި ކަމަށެވެ. އެހެންކަމުން އިނގިރޭސިވިލާތަށް ކިޔަވަން ދާންބޭނުންވާ ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، އެގޮތުން ކޮލޮމްބޯއަށް ނުގޮސް ރާއްޖޭގައި ތިބެގެން ވިސާ ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާ ކަމަށް ޝިޔާން ވިދާޅުވިއެވެ. އަދި އެކަމުގެ މަޝްވަރާތައް އިނގިރޭސި ސަރުކާރާއެކު ކުރައްވަމުން އަންނަކަން ސަފީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފޮރިންގ މިނިސްޓްރީން އަންނަނީ ކޮންމެ އަހަރަކުވެސް އޮގަސްޓްމަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ވިސާ އޮފިޝަލުން ރާއްޖެގެނެސް ވިސާ ޖެހޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ. ޝިއާން ވިދާޅުވީ، މިއަހަރުގެ އޮގަސްޓް މަހުވެސް އިނގިރޭސި ވިސާ އޮފިޝަލުން ރާއްޖެ އަންނާނެ ކަމަށާއި، ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ. ދިވެހިންނަށް ކޮލޮމްބޯއަށް ނުގޮސް ވިސާ ޖެހޭނެ އިންތިޒާމް ކައިރި މުސްތަޤްބަލެއްގައި ހަމަޖެއްސުމަށް މަޝްވަރާކުރަމުން އަންނަކަން ރާއްޖެއިން އިނގިރޭސިވިލާތަށާއި، ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޔާން ވިދާޅުވިއެވެ.