ޚަބަރު

"ތަރައްޤީއާއި އިޤްތިޞާދީ ދާއިރާއިން ރާއްޖެއަށް އެހީތެރިވެދޭން ޔޫއޭއީ އޮތީ ތައްޔާރަށް"


  • ޔޫއޭއީގެ ރައީސް ވަނީ ރައީސް މުޢިއްޒުއަށް މިއަދު ފޯނުން ގުޅުއްވައި، މަޝްވަރާކުރައްވާފައި

  • ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވި

ތަރައްޤީއާއި އިޤްތިޞާދީ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޔޫ.އޭ.އީން އޮންނާނީ އަބަދުވެސް ތައްޔާރަށްކަމަށް އެ ޤައުމުގެ ރައީސް މުޙައްމަދު ބިން ޒާއިދު އާލް ނަޙްޔާން ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު ފޯނުން ގުޅުއްވައި، ބޭއްވެވި މަޝްވަރާތަކެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި ޔޫ.އޭ.އީގެ ރައީސް މުޙައްމަދު ބިން ޒާއިދު އާލް ނަޙްޔާން ފޯނުން ގުޅުއްވައި، ބޭއްވެވި މަޝްވަރާތަކުގައި ވަނީ މުހިއްމު ކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުންތަކާ ބެހޭގޮތުންނާއި ދެ ފަރާތުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި، ޚާއްޞަކޮށް އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާތަކުން އެއްބާރުލުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިމަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި ޔޫ.އޭ.އީގެ ރައީސް މުޙައްމަދު ބިން ޒާއިދު އާލް ނަޙްޔާން ވަނީ ދެ ޤައުމުގެ ރައްޔިތުންގެ ފާގަތިކަމާއި ލާބައަށްޓަކައި ޔޫ.އޭ.އީ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ތަރައްޤީގެ ގުޅުން ފުޅާކޮށް، އެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރެއްވުމުގައި ދެމިތިއްބަވާނޭކަމަށް ވިދާޅުވެފައެވެ.

ދެ ޤައުމުގެ ތަރައްޤީގެ އިތުރުން، ދެ ޤައުމުގެ މަސްހަލަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވައި، ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ތަރައްޤީއާއި އިޤްތިޞާދީ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ޔޫއޭއީގެ ރައީސްއާއެކު މަޝްވަރާކުރައްވާފައިވާއިރު، ޔޫއޭއީއަކީ މިހާރުވެސް އެކި ރޮނގު ރޮނގުން ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެއްވަމުން ގެންދާ ޤައުމެކެވެ.