ޚަބަރު

ސީ-ޕްލޭން ޓަރމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިމޭނެ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލަށް ހަދާ ސީ-ޕްލޭން ޓަރމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާ، އެތަން ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ބުނެފިއެވެ.

އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގަވާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުގެ ދަށުން، އެއަރޕޯޓުގައި މިހާރުހަދާ އައު ރަންވޭގެ މަސައްކަތް ކުރަމުންދަނީ ސީ-ޕްލޭން ބޭސް އޮޕަރޭޓްކުރަމުންދާ ސަރަޙައްދުގައިކަމުން، ސީ-ޕްލޭން ބޭސް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް އެމް.އޭ.ސީ.އެލުން އަންނަނީ ކުރަމުންނެވެ. img:http://s4.psmnews.mv/images/660x400/14971714397832.jpg|އަލަށް ހަދާ ސީ-ޕްލޭން ޓަރމިނަލްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައި - ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން މިހާރު ބޭނުންކުރަމުން އަންނަ އެއަރޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެނެއުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެއް ބަދަލަކީ މިވަގުތު މުޅި ދުނިޔޭގައިވެސް ބޭނުންކުރަމުންދާ އެންމެ ބޮޑު ސީ-ޕްލޭން ބޭސް ރީ-ލޮކޭޓް ކުރުމެވެ. އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ދަށުން، އެއަރޕޯޓުގައި އަލަށް ހަދާ ރަންވޭގެ މަސައްކަތް ކުރިއަށްދަނީ ސީޕްލޭންގެ އޮޕަރޭޝަންތައް ކުރިއަށްދާ ސަރަޙައްދުގައި ކަމަށްވާތީ، ހުޅުލޭގައި ހުރި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރ، އޭ.ޓީ.ސީ ޓަވަރ ހިމެނޭ ސަރަޙައްދުން ބިން ހިއްކުމަށްފަހު، އެ ސަރަޙައްދަށް މިހާރު ބޭނުންކުރަމުންދާ ސީ-ޕްލޭން ބޭސް ބަދަލުކުރުމަށް އެމް.އޭ.ސީއެލުން ވަނީ ނިންމާފައެވެ.

އެގޮތުން އައު ސީޕްލޭން ބޭސްގެ ޓަރމިނަލް ހެދުމަށް ބޭނުންވާ 1.83 ހެކްޓަރުގެ ބިން ހިއްކާ ނިމި، އެ ސަރަޙައްދު ޝީޓް-ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށްޓަކާ މިހާރު ތައްޔާރުވަމުންދާކަމަށް އެމް.އޭ.ސީއެލުން ބުނެއެވެ.

ސީ-ޕްލޭން ބޭސް ބަދަލުކުރުމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، ޓެކްނިކަލް ގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތް އެމް.އޭ.ސީ.އެލުން ދަނީ ކުރަމުންނެވެ. އަދި އައު ސީ-ޕްލޭން ޓަރމިނަލަށް ބޭނުންވާ ޑީޓެއިލް ޑިޒައިން ނިމުނުހާ އަވަހަކަށް، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ޓަރމިނަލްގެ މަސައްކަތް ފެށޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް އައު ސީ-ޕްލޭން ޓަރމިނަލްގެ މަސައްކަތް ނިންމާ، އެތަނުގެ އޮޕަރޭޝަންތައް ފެށުންކަމަށްވެސް އެމް.އޭ.ސީ.އެލުން ބުނެއެވެ. img:http://s4.psmnews.mv/images/660x400/14971714840671.jpg|އެއަރޕޯޓް އެއަރލައިން ކޮމްޕްލެކްސްގެ މަސައްކަތް - ފޮޓޯ: އެމްއޭސީއެލް

އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، އެއަރޕޯޓަށް ގެންނަ އުމްރާނީ ތަރައްޤީގެ ތެރެއިން، އަލަށް ހަދާ އެއަރލައިން ކޮމްޕެލްކްސްގެ މަސައްކަތަކީވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ. ގާތްގަނޑަކަށް 56 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އެއަރލައިން ކޮމްޕްލެކްސްގެ ކޮންކްރީޓް މަސައްކަތްތަކާއި، މެއިން ސްޓްރަކްޗަރގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. އަދި މިހާރު ކުރަމުންދަނީ އިންޓީރިއަރ ޑިޒައިނިންގެ މަސައްކަތެވެ.

މި ޢިމާރާތުގެ މަސައްކަތްވެސް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ނިންމާ، މިތަން ބޭނުންކުރަން ފެށޭވަރުވާނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އަލަށް ހަދާ މި ޢިމާރާތުގައި ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުންދާ އެއަރލައިންތަކަށް ބޭނުންވާ އޮފީސްތަކާއި، ސެކިއުރިޓީ ކަންތައްތަކަށް ޚާއްޞަކުރެވިފައިވާ ސެންޓަރަކާއި، އެކުންފުނީގެ އޮފީސް ބޭނުންތަކަށް ޚާއްޞަ ކުރެވިފައިވާ ޖާގައިގެ އިތުރުން، މުވައްޒަފުންނަށް އިތުރު ކެންޓީނެއް ހުންނާނެއެވެ. img:http://s2.psmnews.mv/images/660x400/14971715065945.jpg|އެއަރޕޯޓް އެއަރލައިން ކޮމްޕްލެކްސްގެ މަސައްކަތް - ފޮޓޯ: އެމްއޭސީއެލް

އެއަރލައިން ކޮމްޕްލެކްސްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، އެއަރޕޯޓުގައި އަލަށް ޢިމާރާތްކުރާ އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލަށް ބޭނުންވާ ބިން ހުސްކުރުމުގެ މަސައްކަތް އެމް.އޭ.ސީ.އެލުން އަންނަނީ ކުރަމުންނެވެ. img:http://s4.psmnews.mv/images/660x400/14971715854692.jpg|އަލަށް ހަދާ އިންޓަރނޭޝަނަލް ޓަރމިނަލްގެ ބިން ހުސްކުރުމުގެ މަސައްކަތް - ފޮޓޯ: އެމްއޭސީއެލް

ހުޅުލޭގެ ދެކުނު ހުޅަނގުން 7.8 ހެކްޓަރުގެ ބިން އައު އިންޓަރނޭޝަނަލް ޓަރމިނަލް ޢިމާރާތް ކުރުމަށް ކަނޑައަޅާފައިވާއިރު، ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިމި އެ ސަރަޙައްދުގެ ޝީޓް-ޕައިލްކުރުމުގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. img:http://s2.psmnews.mv/images/660x400/14971716246020.jpg|އަލަށް ހަދާ އިންޓަރނޭޝަނަލް ޓަރމިނަލްގެ ބިން ހުސްކުރުމުގެ މަސައްކަތް - ފޮޓޯ: އެމްއޭސީއެލް އައު އިންޓަރނޭޝަނަލް ޓަރމިނަލްގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައި ވަނީ ސަޢޫދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބިންލާދިން ގުރޫޕާއެވެ. img:http://s3.psmnews.mv/images/660x400/14971716710764.jpg|އަލަށް ހަދާ އިންޓަރނޭޝަނަލް ޓަރމިނަލްގެ ބިން ހުސްކުރުމުގެ މަސައްކަތް - ފޮޓޯ: އެމްއޭސީއެލް