އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ މިހާރުގެ ފެންވަރާއި ޙާލަތަށް ބަލާއިރު ހުރިހާކަމެއްވެސް ހުރީ ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމުކުރުމަށް މަގުފަހިވާގޮތަށް ކަމަށް ހެލްތް މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމްކުރެއްވުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ހަޔަރ އެޑިއުކޭޝަނާ ގުޅިގެން މުހިއްމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި މަސައްކަތަށް ބޭނުންވާ އެހީތެރިކަން އެކި އެކި ފަރާތްތަކުން ހޯދައި، ދައުލަތުގެ ބަޖެޓުގެ ތެރެއިންނާއި އަވަށްޓެރި ޤައުމުތަކާއި އެހެނިހެން ޤައުމުތަކުން އެކަމަށް ބޭނުންވާ އެކިއެކި އެހީތެރިކަން ހޯދުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ. އަދި އެކަމުގެ ދިރާސާތައްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. މި މަސައްކަތަށް މިހާރު މިވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
ޕާކިސްތާނު ސަރުކާރުން ހަމަޖެއްސި ކޮންސަލްޓަންޓެއްގެ އެހީގައި ކޮށްފައިވާ މިކަމާގުޅޭ ސަރވޭއިން ދައްކާގޮތުގައި ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމުކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި އެކަމަށް ބޭނުންވާ ހުރިހާކަމަކަށް މަގުފަހިވާގޮތަށް ވަނީ ހަމަޖެހިފައެވެ. ހެލްތު މިނިސްޓަރ އަބްދު ﷲ ނާޡިމް އިބްރާހިމް ވިދާޅުވީ ވީހާވެސް އަވަހަށް މެޑިކަލް ކޮލެޖް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ކުރިއަރުވައި، ޞިއްޙީގޮތުން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ޑޮކްޓަރުން ތަމްރީނު ކުރެވެނީ ހަމައެކަނި ރާއްޖެއިން ބޭރުން ކަމަށްވުން ކަމަށެވެ. އަދި ރާއްޖޭގައި ތިބެގެން ދިވެހި ޑޮކްޓަރުން ތަމްރީނުވުމަކީ އަމާޒެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތްކުރާ 80 އިންސައްތަ ޑޮކްޓަރުނާއި، 60 އިންސައްތަ ނަރުހުންނަކީ ބިދޭސީންކަމަށްވާއިރު، ދިވެހި ޑޮކްޓަރުންނާއި ނަރުހުން ބިނާކުރުމަށް ބޭނުންވާ މިންވަރަށް ބޭރުގެ ޔުނިވަރސިޓީތަކުން ރާއްޖޭގެ ދަރިވަރުންނަށް ޖާގަ ނުލިބޭ ކަމަށް ހެލްތު މިނިސްޓްރީން ވަނީ މީގެކުރިންވެސް ވިދާޅުވެފައެވެ.