ޚަބަރު

ޖިނާއީ ކުދި ކުށްތައް ކޯޓުން ބޭރުގައި ޙައްލުކުރައްވަނީ


ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ޖިނާއީ މައްސަލަތައް ކޯޓުން ބޭރުގައި ޙައްލު ކުރެވޭނެ ނިޒާމެއް ޤާއިމުކުރެއްވުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރައްވާނެކަމަށް ޝަރުޢީ ދާއިރާއިން ވަނީ ހާމަކުރައްވާފައެވެ. ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމަކީ ކުށްވެރިޔާ ކުށްކުރުމުން ޢަދަބު ދިނުމުގެ ބަދަލުގައި އިސްލާޙް ކުރުމުގެ ފުރުޞަތު ލިއްބައިދޭ ނިޒާމެކެވެ. މިނިޒާމުގެ ތެރެއިން ކުދި ޖިނާއީ މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

މިއީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރެވޭ ނިޒާމެއް ނަމަވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިނިޒާމު ގެންދަނީ ކާމިޔާބުކަމާއެކު ބޭނުންކުރެވެމުންނެވެ. ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމަކީ ކުށްވެރިޔާ ކުށްކުރުމުން، އެކުށުން ގެއްލުން ލިބޭ ފަރާތާއި، ކުށްވެރިޔާއާ ދެމެދު ސުލްޙަކޮށް، ކުށްވެރިޔާ ކުށް އިސްލާޙްކުރުމަށް މަގުފަހިކޮށްދޭ ނިޒާމެކެވެ. އެގޮތުން ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމުގެ ތެރެއިން ވައްކަމުގެ މައްސަލައެއް ބައްލަވާނަމަ ވައްކަމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތާއި، ކުށްކުރި ފަރާތް ކޯޓަށް ހާޟިރުކޮށް ޝަރީޢަތުގެ މަޖިލީހުން ބޭރުގައި، ޤާޟީއެއްގެ ކުރިފުޅުމަތީގައި ދެފަރާތުން ސުލްޙަވެ، ކުށްކުރި ފަރާތުން، ގެއްލުން ލިބުނުފަރާތަށް އެފައިސާ އަނބުރާ ދިނުމަށް އެއްބަސްވެވިދާނެއެވެ.

ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމުގެ ތެރެއިން ކުށް ކުރާ ފަރާތްތައް ވަކިމުއްދަތެއްވަންދެން މުޖުތަމައަށް ޚިދުމަތް ކުރުމަށް ކޯޓުން އަމުރު ކުރެއްވޭނެއެވެ. މިއީ ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ކުރިއަށްދާ ޢިޖްރާޢަތްތަކެއް ކަމުން މިއީ ކުށްކުރާ ފަރާތްތައް ރިހެބިލިޓޭޓް ކުރުމަށް، ނުވަތަ ކުށްކުރުމުން ދުރުހެލި ކުރުމަށް، ލިބޭ ފުރުޞަތެކެވެ.

ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމު ތަންފީޛު ކުރެވެނީ ޢާންމުގޮތެއްގައި ނިސްބަތުން ކުދި ކުށްތައް ކުރާ ފަރާތްތަކުގެ މައްޗަށެވެ.

ދިވެހިރާއްޖޭގައި މިނިޒާމު ޤާއިމުކުރެވޭގޮތާއި، މިނިޒާމުގެ ދަށުން ދިވެހިރާއްޖޭގައި ބައްލަވާނީ ޖިނާއީ ކޮން މައްސަލަތަކެއް ކަން އަދި ކަނޑައަޅުއްވާފައެއްނުވެއެވެ. އަދި މިނިޒާމު ހިނގާނެގޮތުގެ އިޖްރާޢަތްތައްވެސް ޝަރުޢީ ދާއިރާއިން އަދި ކަނޑައަޅުއްވާފައެއް ނުވެއެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމެއް ޤާއިމުކުރެއްވުން ވެގެންދާނީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމަކަށެވެ.

ދިވެހިރާއްޖެއަކީ ނިސްބަތުން ޖިނާއީ ކުށްތައް މަދު ޤައުމެކެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކަށް ހުށައެޅޭ މައްސަލަތުގެ ތެރެއިން ޖިނާއީ މައްސަލަތައް ޙިއްޞާ ކުރަނީ ވަރަށް ކުޑަ އިންސައްތައެކެވެ. އެހެންކަމުން ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއިގައި ކާމިޔާބުކަމާއެކު ތަންފީޛް ކުރެވިދާނެ ނިޒާމެއްކަމަށް ޝަރުޢީ ދާއިރާއިން ވިދާޅުވެއެވެ.

އަދި ރެސްޓޮރޭޓިވް ޖަސްޓިސް ސިސްޓަމްގެ ސަބަބުން ދިވެހިރާއްޖޭގެ ޤާނޫނުގެ ވެރިކަން އިތުރަށް ހަރުދަނާވެ، އިޖްތިމާޢީ ޢަދާލަތާއި ޞުލްޙަ ޤާއިމުކުރެއްވުމަށް މަގުފަހިވެގެންދާނެކަމަށް ޖުޑީޝަރީން ވިދާޅުވެއެވެ.

ޝަރުޢީ ކޯޓްތަކަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން މަދަނީ މައްސަލަތައް ކޯޓުން ބޭރުން ޙައްލުކުރެއްވުމުގެ އިންތިޒާމް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި ވަނީ ހަމެޖެހިފައެވެ. މިކަމަށްޓަކައި ސިވިލްކޯޓްގައި ޑިސްޕިއުޓް ރިޒޮލިއުޝަން ޔުނިޓެއް ޤާއިމުކުރައްވައި، ވޭތުވެދިޔަ އަހަރު ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯއްދަވާފައެވެ.

ކްރިމިނަލް ކޯޓަށް ހުށައެޅޭ ޖިނާއީ ކުދި މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމަށް ނިންމަވާފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ގެންދަވަނީ ފުރަތަމަ ފަހަރަށް ކުށް ކުރާފަރާތްތަކަށް ދެވަނަ ފުރުޞަތު ދެއްވުމުގެ އުޞޫލެއް ޤާއިމުކުރައްވައި ތަންފީޛް ކުރައްވަމުންނެވެ.