ޚަބަރު

ކުރީގެ ލިޔުންތައް ފަހުގެ ޖީލުތަކަށް ފޯރުކޮށްދިނުން މުހިއްމު


ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށްވީނަމަވެސް، ރާއްޖެއަކީ މުއްސަނދި ސަގާފަތަކާއި، ތަފާތު ތާރީހެއް އޮތް ޤައުމެކެވެ. ޒަމާނުއްސުރެ ރާއްޖޭގެ ހިނގަމުން އައި ރަސްރަސްކަމާއި ރާއްޖެއަށް ދިމާވެފައިވާ ކަންތައްތަކާއި، ރާއްޖޭގެ ތާރީހް މިއަދު އަޅުގަނޑުމެންނާ ހަމައަށް އެނގިގެންދަނީ ޒަމާނުއްސުރެ ރާއްޖޭގައި މިކަންކަމާ ގުޅޭ ލިޔެކިޔުންތަކާއި، ފަތްކޮޅުތަކާ މިފަދަ އެތަކެއް ތަކެތި ރައްކާތެރިކަމާއެކު އަޅުގަނޑުމެންނާ ހަމައަށް ގެނެސްފައި ހުރުމުންނެވެ.  

މިކަމުން ދޭހަވެގެންދަނީ މީގެ އެތައްސަތޭކަ އަހަރު ކުރިން ފަށައިގެން ރާއްޖޭގައި ރަސްމީ ހައިސިއްޔަތެއްގައި ނޫންނަމަވެސް މިތަކެތި ރައްކާތެރިކުރަމުން އަންނަކަމެވެ. ރާއްޖޭގައި ރަސްމީގޮތެއްގައި ޤައުމީ އަރުޝީފެއް އުފައްދަވާ ޤާނޫނެއްގެ ގޮތުގައި އުފައްދަވާފައިވަނީ 31 ޑިސެމްބަރ 2011 ގައެވެ. އަދި މި ޤާނޫނަށް އަމަލުކުރައްވަން ފައްޓަވާފައިވަނީ 1 ޖެނުއަރީ 2012 ގައެވެ.

މި ޤާނޫނުގެ ދަށުން ދިވެހި ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑްތަކާއި، މައުލޫމާތު މި ޤާނޫނުގައިވާގޮތުގެ މަތިން ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެތަކެތި ބެލެހެއްޓުން ޙަވާލުވެފައިވާ ކޮންމެ މީހެއްގެ ވާޖިބެކެވެ. އަދި މި ޤާނޫނުގައި ބުނެފައިވާގޮތުގެ މަތިން މެނުވީ އެތަކެތި ނައްތާލައިގެން ނުވާނެކަމަށް ބުނެފައިވެއެވެ. ދިވެހި ރާއްޖޭގެ ޤައުމީ އަރިޝީފުގެ ޤާނޫނަށް އަމަލު ކުރަން ފެށުމާއެކު ޤައުމީ އަރުޝީފުގެ ނަމުގައި މުއައްސަސާއެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވާފައެވެ.

img:http://s4.psmnews.mv/images/660x400/14655057122017.jpg|ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ ކޮޕީ- ފޮޓޯ: ޕިއެސްއެމް

މި ޤާނޫނު ވުޖޫދަށް އައި ނަމަވެސް ޤައުމީ އަރުޝީފުގެ މަސައްކަތް ރަސްމީގޮތެއްގައި ފެއްޓެވުމަށްޓަކައި މި ސަރުކާރުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފްގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހި ދައުލަތުލުގެ އެންމެހާ ލިޔެކިޔުންތަކާއި ފޮޓޯ ޗާޓު އަދި ރިކޯޑްތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް އޮތް ޖީލުތަކަށް ވާސިލްކުރުމަށްޓަކައި، މިތަކެތި ރައްކާކުރުމުގެ ބޮޑެތި މަޝްރޫއުތައް ވަނީ ފަށްޓަވާފައެވެ. އަދި މި ލޔެކިޔުންތައް އާންމުކޮށް ފެންނާނެހެން ބެހެއްޓުމުގެ މަސައްކަތާއި، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ތާރީހް އެނގޭނެ ފަދަ ގޮތްތަކަކަށް ހެއްދުވުމުގެ މަސައްކަތް ޤައުމީއަރުޝީފުން ގެންދަވަނީ ކުރައްވަމުންނެވެ. 

ދިވެހި ތާރީޚީ އަދި އާސާރީ ފަތްފުށްތައް އަބަދަށް ރައްކާތެރި ކުރުމަށްޓަކައި، ހިންގަވާ ޕްރިޒަވޭޝަން އެންޑް ކޮންޒަވޭޝަން ޕްރޮގްރާމްގެ ދަށުން މީގެ ޒަމާންތަކެއް ކުރީގައި ލިޔެވިފައިވާ ދައުލަތުގެ ލިޔެކިޔުންތައް ރައްކާތެރިގޮތުގައި ޙިމާޔަތްކުރައްވައި، ކުރިއަށް އޮތްތާނގައި ފެންނާނެ ގޮތަށް ބެހެއްޓެވުމަށް ލެބޯޓްރީއެއް ގާއިމް ކުރައްވައި ޒަމާނީ ފެންވަރުގެ ރޮބޮޓިކް ބުކް ސްކޭނާއެއް ގެނެވި މަސައްކަތް ވަނީ ފަށްޓަވާފައެވެ.

ބައިނަލްއަޤްވާމީގޮތް ފާހަގަކުރާ އަރުޝީފުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރިކޯޑުތަކާއި މައުލޫމާތުތައް އާންމުކޮށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމާބެހޭ މައި މަރުކަޒު ގާއިމްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޤައުމީ އަރުޝީފުން ވިދާޅުވެއެވެ.

img:http://s4.psmnews.mv/images/660x400/14655057368097.jpg|ތާރީޚީ ފޮޓޯ ތަކެއް- ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން މި މަޝްރޫގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދެއްގައި ކަމާބެހޭ މަރުކަޒުތައް ގާއިމްކުރެވޭނެ ކަމަށް ޤައުމީ އަރުޝީފުން ވިދާޅުވެއެވެ. އެ އިދާރާއިން ހިންގުމަށް ހަމަޖައްސާފައިވާ ދެވަނަ މަޝްރޫއަކީ "ޑޮކިއުމެންޓޭޝަން ރިސާޗް ޕަބްލިކޭޝަން" ނަމަކަށް ކިޔާ މަޝްރޫއެކެވެ. އެގޮތުން ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ތާރީހާބެހޭ ފޮތްތަކާއި ގައުމީ އަރުޝީފުގެ ބެލުމުގެ ދަށުގައި ހުރި ރެކޯޑްތަކާއި ލިޔެކިޔުންތައް އިލްމީގޮތުން ދިރާސާކޮށް ފޮތްތަކުގެ ގޮތުގައި ޝާއިއުކުރުމަށް ހިންގާ މަޝްރޫއެއް ކަމަށް އެ އިދާރާއިން މައުލޫމާތުދެއްވައެވެ.

އެ މަޝްރޫގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި ރެކޯޑްތައް އިލްމީގޮތުން ދިރާސާކޮށް މިހާތަނަށް އާންމު ނުކުރެވިވާ ލިޔުންތައް އާންމުކޮށް، ޗާޕްކޮށް ފޮތްތައް ޝާއިއުކޮށް ރާއްޖެއާބެހޭ އެކިއެކި ދާއިރާތަކުގެ އިލްމު ފެތުރުމަށާއި އިލްމު އުފެއްދުމަށް މަގުފަހިވާނެ ކަމަށް ޤައުމީ އަރުޝީފުން ވިދާޅުވެއެވެ.