ތިމާވެށި

ކުނި އުކާލުމަށް ރަޖިސްޓްރީ ކުރަން މާލޭގައި ޑޯޓުޑޯ ކެމްޕެއިނެއް


ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެމުންގެންދާ ކުނި އުކާލުމުގެ ޚިދުމަތަށް ރަޖިސްޓްރީ ކުރަމަށް މާލޭގައި ޑޯޓުޑޯ ކެމްޕެއިނެއް ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ބިޒްނަސް ޑިވަލޮޕްމަންޓް މެނޭޖާ މުޙައްމަދު އިގްބާލް ވިދާޅުވީ މާލޭގެ ގިނަ ގޭގެއިން މިހާރުވެސް ކުނި އުކާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ބިދޭސީން މެދުވެރިކޮށްގެން ކަމަށެވެ. އެހެންކަމުން އެކަން މަނާ ކުރުމުގެ ކުރިން ވެމްކޯ މެދުވެރިކޮށް ކުނި އުކާލަ ދިނުމަށް ގޭބިސީތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ ހަފްތާ އަންގާރަ ދުވަހާ ހަމަޔަށް މާލޭގެ ކޮންމެ ގެއަކަށް ގޮސް، ވޭސްޓް ކަލެކްޝަން ސާވިސްއާ ގުޅޭގޮތުން ވަކިވަކި ފަރާތްތަކަށް މައުލޫމާތު ދީ ރެޖިސްޓާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އިގްބާލް ވިދާޅުވިއެވެ. އެހެން ކަމުން ޖުލައި މަހުގެ ކުރިން ކުރިޔާލާ ރަޖިސްޓްރީވުން މުހިންމު ކަމަށާ ގޭގެޔަށް ދާ އެކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ ކުންފުނީގެ އައިޑެންޓިފިކޭޝަން އަކާއި އެކުކަމަށް އިގްބާލް ވިދާޅުވިއެވެ.

ވޭސްޓް ކަލެކްޝަން ސާވިސްގެ މެނޭޖާ ހިދާޔާ ނަސީރު ވިދާޅުވީ ވެމްކޯ މެދުވެރިކޮށް ކުނި އުކުމަށް މިހާތަނަށް މާލެއިން ރެޖިސްޓާކޮށްފައި ވަނީ މަދުބައެއް ކަމަށާއި 25،000 ގޭބިސީ ހުންނައިރު ވެމްކޯ މެދުވެރިކޮށް ކުނި އުކުމަށް 1،500 ގޭބިސީންވެސް ރެޖިސްޓާކޮށްފައި ނުވާ ކަމަށެވެ. އަދި އަންނަ މަހު ބިދޭސީން ކުނި އުކުން މަނާ ކުރުމުން ފަހު ވަގުތު ރަޖިސްޓްރީ ކުރުމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށާއި އެހެންކަމުން ވީހާވެސް އަވަހަށް ރެޖިސްޓާ ކުރުމަށް އެދޭ ކަމަށް ހިދާޔާ ވިދާޅުވިއެވެ. ވެމްކޯއިން ކުނި އުކާދިނުމަށް ފީގެ ގޮތުގައި ކޮންމެ ގެއަކުން ނެގުމަށް ހަމަޖެހިފައިވަނީ 150 ރުފިޔާއެވެ. އަދި މުޅި އިމާރާތް އެއްކޮށް ރަޖިސްޓާ ކުރުމަށް ފަހު ކުނި ކޮތަޅު އިމާރާތުގެ ތިރީގައި ޑަސްބިންކޮށްފައި ބަހައްޓާ ނަމަ ކޮންމެ އެޕާޓްމަންޓަކުން 100 ރ. ގެ ފީއެއް ނަގައެވެ. އެ ފީ ދައްކަން ޖެހޭނީ ކޮންމެ މަހެއް ނިމުމުން ވެމްކޯގެ އޮފީހަށެވެ.