ޚަބަރު

ސުމައިދު ހޯދުމަށް 127،500 އަކަމީޓަރުގެ ޞަރަޙައްދެއް ވަނީ ބެލިފައި


އައްޑޫ ސިޓީ ގަމު ކަނޑަށް ގެއްލުނު ފުލުސް މިހާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އެ ސަރަޙައްދުގެ ކަނޑުގެ 127،500 އަކަ މީޓަރުގެ ޞަރަޙައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއަރ އޮފިސަރ ކެޕްޓަން އިބްރާޙީމް އާޒިމް ވިދާޅުވީ، ފުލުހުންގެ އެދުމުގެ މަތިން ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމައިދުގެ ފޯނު ފެނުނު ސަރަޙައްދު އަލުން ބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް އަދި އިތުރު ކުރިއެރުމެއް ލިބިފައިނުވާ ކަމަށާ މިހާރު މި މަސައްކަތުގައި އައްޑޫ ފްލައިން ސްކޫލްގެ އެހީތެރިކަންވެސް ހޯދަމުންދާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމައިދު ގެއްލިފައިވަނީ ޑިންގީއެއްގައި، އިތުރު ދެ މީހަކާއެކު މި މަހުގެ 4 ވަނަ ދުވަހުގެ ރޭ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށެވެ. ސުމައިދުއާ އެކު ޑިންގީގައި ތިބި 2 މީހުން ބުނެފައިވަނީ ސުމައިދު ގެއްލިފައިވަނީ އެމީހުން ތިބި ޑިންގީ ބަންޑުން ޖަހާލުމާ ގުޅިގެން ކަމަށެވެ. ޑިންގީއަށް ދިމާވި ހާދިސާއަށްފަހު ޑިންގީގައި ތިބި އަނެއް ދެމީހުން ފަތާފައިގޮސް ޝަންގްރިއްލާ ރިސޯޓަށް ވަނީ އަރާފައެވެ.

މި ޑިންގީން ދަތުރުކުރި 3 މީހުންގެ ތެރެއިން ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމެއިދު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހާއި، ފުލުހުން ގުޅިގެން ކުރަމުންދަނިކޮށް އޭނާގެ ފޯނު ފެނުނީ، ޝެންގްރިއްލާ ރިޒޯޓްކައިރީ އޮންނަ "މަޑިހެރާ" ކިޔާ ފަޅުރަށުގެ ކައިރިން، 6 މީޓަރު އަޑިން ކަމަށް އެމް.އެން.ޑީއެފުން ވިދާޅުވެއެވެ.