ތިމާވެށި

ކަނޑުފަޅުގެ ރައްކާތެރިކަން ކަށަވަރުކުރަން މަސައްކަތް ކުރަންޖެހޭ


ރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ކަނޑުފަޅުން ލިބޭ ނަފާގެ މައްޗަށް ބަރޯސާވެފައިވާއިރު، ކަނޑުފަޅުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެހާ ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.

ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތާއި، މަސްވެރިކަމުގެ ސިނާޢަތެވެ. މި ދެ ސިނާޢަތްވެސް އެންމެ ބޮޑަށް ބަރޯސާވަނީ ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަމާއި، ކަނޑުއަޑީގެ ދިރުންތަކުގެ މައްޗަށެވެ. ވުމާއެކު ރާއްޖެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުވެފައިވަނީ އިޤްތިޞާދީގޮތުން މި ކުޑަކުޑަ ދިވެހިރާއްޖެއަށް ބޮޑެތި މަންފާތަކެއް ލިއްބައިދޭ އަގުހުރި ވަސީލަތަކަށެވެ.

ނަމަވެސް، ފާއިތުވި އަހަރުތަކުގެ ތެރޭގައި ގުދުރަތީ އެކި ކާރިސާތަކާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުންނާއި، އިންސާނުންގެ ބައެއް ޢަމަލުތައް ހުންނަގޮތުން ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިއީ ރާއްޖޭގެ އިތުރުން، ދުނިޔޭގެ ގިނަ ޤައުމުތަކަކަށް މިހާރު ދިމާވެފައިވާ މައްސަލައެކެވެ.

މިކަންކަމަށް އަޑުއުފުލައި، ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި "ވޯލްޑް އޯޝަންސް ޑޭ" ގެ ނަމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަނީ ދުވަހެއް ފާހަގަކުރަމުންނެވެ.

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުގައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި މިއަހަރު ކަނޑައަޅާފައިވާ ޝިއާރުން އެންމެ ބޮޑަށް ބާރުއަޅާކަމަކީ ކުންޏާއި، ޕްލާސްޓިކް ފަދަ ތަކެތި ކަނޑުތަކަށް އެޅުން ހުއްޓުވުން ކަމަށެވެ. މިއީ ތިމާވެށީގެ ގޮތުން މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ޕްލާސްޓިކުން ސަލާމަތްވެފައިވާ ވެއްޓެއް ޤާއިމުކުރުމަށް ޤައުމީ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންދާ ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ކަނޑުފަޅުން ލިބޭ ނަފާގެ މައްޗަށް ބަރޯސާވެފައިވާއިރު، ކަނޑުފަޅުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމަށެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި މި އަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ "އަވަރ އޯޝަން، އަވަރ ފިޔުޗަރ" ނުވަތަ އަހަރުމެންގެ ކަނޑުތައް، އަހަރުމެންގެ ކުރިމަގެވެ. 1992 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ނުރަސްމީ ސިފައެއްގައި ފާހަގަކުރަން ފަށާފައިވީ ނަމަވެސް، މި ދުވަސް ރަސްމީ ސިފައެއްގައި ފާހަގަކުރަން ނިންމާފައިވަނީ 2008 ވަނަ އަހަރު، އދ ގެ ޢާއްމު މަޖިލީހުންނެވެ.