ޚަބަރު

ހުވަދު އަތޮޅުގެ 10 ރަށަކަށް ކުނި މެނޭޖްކުރާ ސާމާނު ހޯދަނީ


ގއ. ނިލަންދޫ ކުނި މެނޭޖްކުރާ މަރުކަޒު މަރާމާތު ކުރެއްވުމަށާއި، ހުވަދު އަތޮޅުގެ 10 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ހޯއްދެވުމަށް ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ގއ. ނިލަންދޫ ކުނި މެނޭޖްކުރާ މަރުކަޒު މަރާމާތުކުރެއްވުމަށް ސަރުކާރުން ހަވާލުކުރައްވާފައިވަނީ ނޫމަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސާޅީސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މަސައްކަތުގެ އަގުގެ ގޮތުގައި ކުނި ކޮށި މަރާމާތުކުރަން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެއެވެ.

މީގެ އިތުރުން ހުވަދު އަތޮޅުގެ 10 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ހޯއްދެވުމަށް 6.9 މިލިއަން ރުފިޔާއަށް ނިއޯމެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ހަމަޖެހިފައިވާ 10 ރަށަކީ، ގއ. މާމެންދޫ، ގއ. ދެއްވަދޫ، ގއ. ކޮނޑޭ، ގއ. ގެމަނަފުށި، ގދ. މަޑަވެލި، ގދ. ހޯޑެއްދޫ، ގދ. ނަޑެއްލާ، ގދ. ގައްދޫ، ގދ. ފިޔޯރީ އަދި ގދ. ވާދޫ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރައްވާފައިވަނީ 5 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކޮށްދެއްވުމަކީ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވަމުންގެންދަވާ މަސައްކަތެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އަތޮޅުތައް އެކި ޒޯންތަކަކަށް ބަހާލައިގެން ކުރަމުންދާ މަސައްކަތްތަކުގެ އެދެވޭ ނަތީޖާ މިހާރު ފެންނަން ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް ޢުޘްމާން އަދި ގައްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދުވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައެވެ. އަދި ކުނީގެ މައްސަލައަކީ އިޖްތިމާޢީ ބޮޑު މައްސަލައަކަށްވެފައި، މިކަން ހައްލުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ރަށު ކައުންސިލްތަކުން އެއްބާރުލުންދީ، ފަރުދީ ޒިންމާ އިސްކުރެއްވުމަށް މި ދެ މެމްބަރުންވެސް ވަނީ ގޮވާލައްވާފައެވެ.

މާލޭ ސަރަޙައްދުގެ ކުނީގެ ކަންކަން ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯއާއި ސަރުކާރުން ހަވާލުކުރައްވާފައިވާއިރު، ރާއްޖޭގެ އަތޮޅުތައް އެކި ޒޯންތަކަކަށް ބަހާލައިގެން ސަރުކާރުން މިހާރުވެސް އަންނަނީ ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ކުނި މެނޭޖްކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.