ޚަބަރު

ހުޅުމާލެ ސިފައިންގެ މަރުކަޒުގައި މިސްކިތެއް ހުޅުވައިފި


ހުޅުމާލެ ސިފައިންގެ މަރުކަޒުގައި މިސްކިތެއް ހުޅުވައިފިއެވެ.

"މަސްޖިދުލް ޙާލިދު ބިން އަލް ވަލީދު" ގެ ނަމުން ނަންދީފައިވާ މިމިސްކިތް މިއަދުގެ ހުކުރު ނަމާދަށް ހުޅުވައިދެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒިޔާދުއެވެ. މި މިސްކިތުގައި ފުރަތަމަ ހުކުރު ނަމާދު އިމާމްވެ ކޮށްދެއްވީ މޭޖަރ ޢަބްދުލް މަޖީދް އިބްރާޙީމްއެވެ.

މި މިސްކިތަކީ އެއްފަހަރާ ސަތޭކަ މީހުންނަށް ޖަމާޢަތުގައި ނަމާދު ކުރެވޭވަރުގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް އިމާރާތްކުރައްވާފައިވަނީ އިސްލާމިކް މިނިސްޓްރީން ފަންޑުކުރައްވައިގެންނެވެ.

img:http://s1.psmnews.mv/images/660x400/14970119593772.jpg|ހުޅުމާލެ ސިފައިންގެ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ- ފޮޓޯ: އެމްއެންޑިއެފް

މި މިސްކިތް ފަރުމާކުރައްވާފައިވަނީ ރާއްޖޭގެ ތާރީޚީ މިސްކިތްތައް ނަކަލްކޮށްގެން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްގެ ކޮންސެޕްޓަކަށް އެމްއެންޑީއެފް މިލިޓަރީ އިންޖިނިއަރސްއިންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މިސްކިތުގެ ތަޅުން ވަށައިގެން 3 ފޫޓަށް އުސްކުރެވިފައި ވާއިރު މިސްކިތުގެ ފުރާޅުތައް ލެވިފައިވަނީ އިހުޒަމާނުގެ މިސްކިތްތައް ހުންނަ ގޮތަށް ތިރިކޮށެވެ. އަދި މިސްކިތުގެ އިމާރާތުގައި ވުޟޫކުރެވޭނެ އިސްކުރުބަރިއެއްގެ އިތުރުން ފާހާނާއަކާއި ގުދަނެއްވެސް ތައްޔާރުކޮށްފައިވެއެވެ.

"މަސްޖިދުލް ޙާލިދު ބިން އަލް ވަލީދު" ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި، އެހެނިހެން ރޭންކުތަކުގެ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ މެމްބަރުންވެސް ބައިވެރިވެފައިވެއެވެ.