ޚަބަރު

އިނގިރޭސިވިލާތުގެ ބަޔާނަކީ އަސާސެއް ނެތް ބަޔާނެއް- ސަރުކާރު


އިނގިރޭސިވިލާތުން އިސްނަގައިގެން، އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލް، ޔޫ.އެން.އެޗް.އާރް.ސީގައި ދިން ގުޅިފައިވާ ބަޔާނުގެ ރައްދުގައި ދިވެހިރާއްޖެއިން ވަނީ، އެ އެޖެންޑާ އައިޓަމްގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް ބަލައިގެންފައިކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

އެހެންނަމަވެސް، ދިވެހި ސަރުކާރު ދެކޭ ގޮތުގައި، އެ ބަޔާނަކީ ޤައުމުގެ ދާޚިލީ އަދި ސިޔާސީ މަސްރަޙަށް ނުޙައްޤުން ބާރުފޯރުވުމަށް މަސައްކަތްކުރުމަށްޓަކައި، ބައިނަލްއަޤުވާމީ މުޖުމަތަމަޢުގައި ޤައުމުގެ ތަޞައްވުރު ނުބައިވާނޭ ފަދަ ގޮތަކަށް ދައްކުވާފައިވާ، ބިނާކުރަނިވި ވިސްނުމެއް ނެތް އަދި އަސާސެއް ނެތް ބަޔާނެއްކަމަށް ބުނެފައިވެއެވެ. އަދި އިނގިރޭސިވިލާތުގެ މި އާދަ، ތަކުރާރުވަމުންދާކަމާމެދު ރާއްޖެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިޖުތިމާޢީ، އިޤްތިޞާދީ، ޘަޤާފީ، މަދަނީ އަދި ސިޔާސީ ޙައްޤުތަކުގެ މައިދާނުގައި ވޭތުވެދިޔަ ވިއްސަކަށް އަަހަރުދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، އެޗްއާރްސީގެ ކޮންމެ ސެޝަނެއްގައިމެ، އެ ކަންކަމުގައި ޤަައުމަށް ދިމާވާ ގޮންޖެހުންތަކާއި، ހޯދިފައިވާ ތަރައްޤީ ހިއްޞާކުރަމުން އައިސްފައިވާކަން ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަކީ އަބަދުވެސް އެކަމަށް ސަމާލުވެ ތިބުމަށް މަޖުބޫރުކުރުވާ މަސައްކަތެއްކަމަށާއި، ރާއްޖެ ފަދަ ވަޞީލަތްތައް މަދު ޤައުމެއްގައި މިކަން ކުރުމުގައި ގިނަގުނަ ގޮންޖެހުންތައް ކުރިމަތިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖެއަށް ދިމާވާ މައްސަލަތަކަކީ ހަމައެކަނި ރާއްޖެއަށް ޚާއްޞަ މައްސަލަތަކެއް ނޫންކަމަށާއި، ހަމަ މި ފަދަ މައްސަލަތައް ޚުދު އިނގިރޭސިވިލާތުގެ ނޯދަން އަޔަރލެންޑްގައިވެސް ދިމާވެފައިވާކަން އދގެ ސްޕެޝަލް ރެޕަޓުއާވެސް ފާހަގަކުރައްވައި، އިނގިރޭސިވިލާތުން ބައިނަލްއަޤުވާމީ މަސްރަޙުން އެދޭ ކަންކަން އެ ޤައުމުގެ ދާޚިލީ ކަންކަމުގައި ތަންފީޒުކުރަންވާނޭކަން ފާހަގަކުރައްވާފައިވާކަން، ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

2016/2017 ގެ އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓުގައިވެސް ވަނީ، އިނގިރޭސިވިލާތުގައި ޓެރަރިޒާމާއި ހައްދު ފަހަނައަޅައިދިއުމާ ދެކޮޅަށް އެކުލަވާލާފައިވާ ސިޔާސަތުތަކުގެ ސަބަބުން ކަންބޮޑުވުން ވަނީ އުފައްދާފައެވެ.

އިނގިރޭސިވިލާތުގެ ބަޔާނުގެ މައިގަނޑު ކަމުގައިވެފައިވަނީ، ޒުވާން ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލަކަމަށް ވީ ހިނދު، ދިވެހި ސަރުކާރުންވެސް، އެ ހަމަލާއަކީ ނޫސްވެރިންނާއި ނޫސްވެރިކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް ދިން ހަމަލާއެއްގެ ގޮތުގައި ބަލައިގަނެ، ފުލުހުންނާއި ކަމާ ބެހޭ އެހެނިހެން އިދާރާތަކުގެ ބައިވެރިވުމާއެކު، ގުޅިފައިވާ ތަޙުޤީޤެއް ކުރިއަށްދާކަން، ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ޔާމީންގެ މަރު ސިޔާސީ މައްސަލައަކަށް ހަދައި، އެއީ ޑިމޮކްރަސީގެ އުޞޫލުތައް ހަނިވެގެން ދިޔުންކަމުގައި ދައްކަން އުޅޭ އުޅުމާމެދު ރާއްޖެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖޭގެ އަޞްލު ޙާލަތު ތަމްސީލުކުރުމުގެ ބަދަލުގައި، ނެތް ގުޅުންތައް ހުރިކަމަށް ދައްކައި، ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތައް ހަރުދަނާކޮށް، ބައިނަލްއަޤުވާމީ އެއްބަސްވުންތަކާ އެއްގޮތުގެ މަތިން ޑިމޮކްރަޓިކް ސަރަޙައްދެއް ކަށަވަރުކުރުމަށް ކުރާ މަސައްކަތް ފެއަށް ޖައްސާލާ އެ މަސައްކަތުގެ އަސްލު މަޤްޞަދު ބަދަލުކޮށްގެން އެކަންކަން ތަމްސީލުކޮށްފައިވާކަމަށް ރާއްޖެއިން ދެކެއެވެ.

ރާއްޖެ ފަދަ ޤައުމަކުން، ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީގެ ބޮޑެތި ކުރިއެރުންތަކެއް ހޯދުމަކީ، ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓި، ފާޑުކިޔުންތައް އަމާޒު ވާނޭކަމެއްކަމަށާއި، އެހެންނަމަވެސް، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ މުގުލުގައި އަދިވެސް ވަނީ އިންސާނީ ޙައްޤުތައް ކަމަށް ރާއްޖެއިން ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ބަޔާނަކީ ދީނީ ހައްދުފަހަނައަޅައި ދިއުމުގައި ސިޔާސީ ކުލަ ޖައްސާ، އަދި ދިވެހި ސަރުކާރާއި ދިވެހި ފުލުހުންގެ މަސައްކަތްތައް ދެރަކޮށްލާފަދަ ނިޔަތެއްގައި ނެރެފައިވާ ބަޔާނެއްކަމަށް ރާއްޖެެއިން ބުނެއެވެ. އަދި އެ ބަޔާނަކީ، ބޮޑު ޤައުމަކުން ކުޑަ ޤައުމެއް ޓާގެޓް ކުރުމާ އެއްފަދަ ޢަމަލެއްކަމަށްވެސް ރާއްޖެއިން ވަނީ ބުނެފައެވެ.

އެ ބަޔާނުގައިވާ ހުރިހާ ކަމެއްވެސް ރާއްޖެއިން ބަލައި ގަންނަނީ އިޖާބީ ގޮތެއްގައިކަމަށާއި، އިންސާނީ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށް މަސައްކަތްކުރުމުގައި ދެމި އޮންނާނެކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ. އަދި މިކަމުގައި ދިވެހިރާއްޖޭގައި މަލްޓިލެޓަރަލް ބައިވެރިންގެ ކިބައިން އެދެނީ ކެތްތެރިކަމާއި، އެއްބާރުލުމަށްކަމަށާއި، ފާޑުކިޔުން ވާންޖެހޭނީ، އެކުލެވިގެންވާ އަދި ބިނާކުރަނިވި ފާޑުކިޔުމަށްކަމަށް، ރާއްޖެއިން ބުނެފައިވެއެވެ.