ދުނިޔެ

ޤަތަރުގެ މައްސަލަ ޙައްލުކުރުމަށް ކުވެއިތުގެ އަމީރު، ސަޢުދީއަށް!!


ޤަތަރާއި ގަލްފުގެ ޢަރަބި ބައެއް ޤައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމުގެ ގޮތުން ކުވައިތުގެ އަމީރު ޝައިޚް ސަބާހުލް އަހްމަދު ސަޢުދިއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެގައުމުން ފުރާވަޑައިގެންފިއެވެ.

ކުވައިތުގެ ރަސްމީ ނޫސް އެޖެންސީ ކޫނާ ބުނީ، ޝައިޚް ސަބާހުލް އަހްމަދު ސައޫދީ އަށް ކުރެއްވީ ވަރަށް ކުރު ދަތުރުފުޅެއްކަމަށާ މިދަތުރުފުޅުގައި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ ޖިއްދާގައި ބައްދަލުކުރެއްވުމަށްފަހު ޝައިޚް ސަބާހާއި އޭނާގެ ވަފުދު އަންގާރަ ދުވަހުގެ ރޭ ސައޫދީން ފުރާވަޑައިގެންފައިވާ ކަމަށެވެ.

ކުވައިތުގެ އަމީރު ޝައިޚް ސަބާހުލް އަހްމަދު ސައޫދީ އަށް ކުރެއްވި ދަތުރުފުޅާ ބެހޭ އެއްވެސް މައުލޫމާތެއް ސައޫދީން ހާމަކޮށްފައެއް ނުވެއެވެ. ޝައިޚް ސަބާހާއި ސަލްމާން ރަސްގެފާނާ ދެބޭފުޅުން މަޝްވަރާކުރެއްވީ ގަލްފުގެ ގައުމުތަކުގެ މައްސަލަތަކާ ބެހޭގޮތުންކަމަށް ސައޫދީ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވާއިރު އެދެބޭފުޅުންގެ މަޝްވަރާތަކުން ހާސިލް ކުރެވުނު ނަތީޖާއާއި އެކަމާބެހޭ ތަފްސީލެއްވެސް ސައޫދީން ހާމަކޮށްފައެއްނުވެއެވެ. 

img:http://s2.psmnews.mv/images/660x400/14616779816535.jpg|(ކ-ވ) ސަޢޫދީ ވަލީއަހްދުގެ ނައިބް މުހައްމަދު ބިން ސަލްމާން އާއި ރަސްގެފާން ސަލްމާން އަދި ވަލީއަހްދު މުހައްމަދު ބިން ނާއިފް / ފޮޓޯ: ސައުދީ ޕްރެސް އެޖެންސީ

ޝައިޚް ސަބާހުގެ ދަތުރުފުޅުގައި ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ސަބާހުލްޚާލިދް އައްސަބާޙް އާއި އިންފޮމޭޝަން މިނިސްޓަރ ޝައިޚް މުހައްމަދުލްއަބްދުﷲ އަލްމުބާރަކް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޝައިޚް ސަބާހުގެ ސައޫދީ އަށް ވަޑައިގެންނެވުމުގެ ކުރިން ސައޫދީ ޝާހީ އާއިލާގެ ބޭފުޅެއްކަމަށްވާ މައްކާގެ އަމީރު ޚާލިދު ބިން ފައިސަލް ބިން އަބްދުލްއަޒީޒް ވަނީ ކުއްލި ގޮތަކަށް ކުވައިތަށް ވަޑައިގެން ޝައިޚް ސަބާހާ ބައްދަލުކުރައްވާފާއެވެ. އަނެއްކޮޅުން ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރުވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތާ އަދި އަރަބި ގައުމުތަކުގައި ހަރަކާތްތެރިވާ އިޚްވާނުލްމުސްލިމޫން ޖަމާއަތާ ގުޅުންތައް ނުބޭއްވުމަށާއި އެޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްނުދިނުމަށް ގަތަރުގެ ކިބައިން އެދިވަޑައިގެންފައެވެ.

img:http://s3.psmnews.mv/images/660x400/14968423796483.jpg|ޤަތަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޚަމަދު އަލް ޞާނީ

ފަރަންސޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވިދާޅުވީ ގަތަރާ ގުޅުންތައް ކަނޑާލައި އެގައުމާ ދެކޮޅަށް ފިޔަވަޅުތައް އެޅީ އެގައުމުގެ ރައްޔިތުންނަށް ގެއްލުން ދިނުމުގެ ބޭނުމުގައި ނޫންކަމަށާ ރަގަނޅު ގޮތްތަކެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ގަތަރު ސަރުކާރަށް ދިނުމުގެ ބޭނުމުގައި ކަމަށެވެ. ގަތަރާއި ގަލްފުގެ އަރަބި ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލަތަކާއެކުވެސް އެމެރިކާއިން ވަނީ ގަތަރާ އެމެރިކާއާ ދެމެދުގައިވާ ގުޅުންތައް ބަދަހިކަން ހާމަކޮށް ގަތަރާއެކު އިގްތިސާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެކޭވެސް އެއްގޮތަށް ކުރިޔަށްގެންދާނެކަން ކަށަވަރު ކޮށްދީފާއެވެ. 

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ގަތަރާއި ގަލްފުގެ ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ ޚިލާފްތައް އަވަސް ފުރުސަތެއްގެ ތެރޭގައި ހައްލުކުރެވޭނެކަމަށް އުންމީދުކުރާކަމަށްވެސް ބުނެފައިވެއެވެ. އަނެއްކޮޅުން ޖަރުމަނުވިލާތުން ވަނީ އެގައުމުގެ ތާއީދު ގަތަރަށް އޮތްކަން ހާމަކޮށްފައެވެ. ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ސިގްމާރު ގަބްރިއޭލް ވަނީ ގަތަރު އެކަހެރިކުރުމަށް ކުރެވޭ މަސައްކަތުގެ ޒިންމާ އުފުއްލަވަންޖެހޭނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ވިދާޅުވެ ޓްރަމްޕަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފާއެވެ.