ކުޅިވަރު

އަފްޣާން މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ކޯޗުގެ ތަޢުރީފް


އަފްޣާނިސްތާނު މެޗުގައި ދިވެހި ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށާއި އެކުޅުން ކުރިއަށް އޮތް ބޫޓާން މެޗުގައި ދެއްކިއްޖެނަމަ މެޗުން ތިން ޕޮއިންޓް ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް ޑެރެން ސްޓުވާޓް ބުނެފިއެވެ.



ރޭ ދުބާއީގައި އަފްޣާނިސްތާނާއި ބައްދަލުކުރި އެކުވެރިކަމުގެ މެޗަށްފަހު ޕީ.އެސް.އެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ޓީމުގެ ކޯޗު ބުނީ މެޗުގެ ނަތީޖާ ދިވެހި ޓީމުކޮޅަށް ނުނިމުނު ނަމަވެސް ޓީމުން ތަފާތު މޮޅު ކުޅުމެއް ދެއްކި ކަމަށެވެ.

އަފްޣާނިސްތާނާއި ދިވެހިރާއްޖެ ބައްދަލުކުރި އެކުވެރިކަމުގެ މެޗު ދޭއް އެކަކުން ކާމިޔާބުކުރީ އަފްޣާނިސްތާނެވެ.



މިމެޗުގެ ފުރަތަމަ ހާފްގައި އަފްޣާނިސްތާން ލަނޑެއް ޖަހައި ލީޑު ނެގިއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ދިވެހި ޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ. ދިވެހި ޓީމުން މިމެޗުގައި ޖެހި ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޢަލީ ފާސިރު (ސެންޓޭ) އެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި ދިވެހި ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާ މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތު ތަކެއްވެސް ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް ދެވަނަ ހާފްގައި ދިވެހި ޓީމަށްވުރެ ކުޅުން ރަނގަޅުކޮށް އަފްޣާނިސްތާން ޓީމުން ވަނީ މެޗު ކޮންޓްރޯލް ހޯދާފައެވެ. އަދި މެޗުން މޮޅުވި ލަނޑުވެސް އެޓީމް ކާމިޔާބުކުރީ ދެވަނަ ހާފްގައެވެ.



ދިވެހި ޓީމުގެ ކޯޗު ބުނީ ދެވަނަ ހާފްގައި ދިވެހި ޓީމުގެ ކުޅުން ދައްވުމަކީ މައްސަލައެއް ނޫން ކަމަށާއި ކޯޗު ބޭނުންވި ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކަމަށެވެ.



އަފްޣާނިސްތާން މެޗަށްފަހު ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް މިހާރު ވަނީ ތައިލެންޑަށް ދިއުމަށް ފުރާފައެވެ.

ތައިލެންޑްގައި ޓްރެއިންގ ހެދުމަށްފަހު ޓީމް އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާއި ބައްދަލުކުރާ މެޗަށް ބޫޓާންއަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.