ސިއްހަތު

އަރިދަފުސް ރޯގާފަދަ ބަލިތަކަށް ސަމާލުވާން އިލްތިމާސް ކުރައްވައިފި


މި ދުވަސްވަރަކީ ގިނަ ބަޔަކު އުމްރާގެ އަޅުކަމަށްފަހު ރާއްޖެ އަންނަމުންދާ ދުވަސްވަރެއްކަމުން، އަރިދަފުސް ރޯގާއާއި ވައިރަލް ހުމުގެ އިތުރުން އިންފުލުއެންޒާފަދަ ބަލިތައް އިތުރުވުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، އަރިދަފުސް ރޯގާ ފަދަ ބަލިތަކަކީ އަބަދުވެސް އުޅެމުންދާ މޫސުމީ ރޯގާތަކެއް ކަމުން، މިފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ގޮތުން އިންފުލުއެންޒާ ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އިންފުލުއެންޒާއިން ރައްކާތެރިވުމަށްޓަކައި ދެވޭ ވެކްސިން ޢާމުކޮށް އެންމެންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން އިންފްލުއެންޒާ ވެކްސިން މާލޭގެ ބައެއް ފާމަސީ ތަކުންނާއި އަތޮޅު ތެރޭގެ ހުރިހާ ހޮސްޕިޓަލުތަކުންނާއި ސިއްޙީ މަރުކަޒުތަކުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މާލޭގައި ހުންނަ ދަމަނަވެށިންވެސް މި ވެކްސިން ލިބެންހުންނާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އިންފުލުއެންޒާ ވެކްސިނަކީ އަހަރަކު އެއްފަހަރު ޖަހަންޖެހޭ ވެކްސިނެކެވެ.