ޚަބަރު

ޤަތަރުގެ ރައްޔިތުންނަށް ރާއްޖެއަށް ދަތުރު ކުރުމުގަ ހުރަހެއް ނެތް


ޤަޠަރުގެ އެއްވެސް ރައްޔިތަކަށް ރާއްޖެއަށް ދަތުރު ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަން ދިވެހި ސަރުކާރުން ކަށަވަރުކޮށްދެއްވައިފިއެވެ.

މިކަން ހާމަކުރައްވައި ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ ޤަޠަރާއެކު އޮތް ސިޔާސީ ގުޅުން ދިވެހި ސަރުކާރުން ކަނޑާލާފައިވީ ނަމަވެސް، އެ ޤައުމުގެ ރައްޔިތުންނަށް ރާއްޖެއަށް ދަތުރު ކުރުމަށާއި ރާއްޖެއިން ފުރައިގެން ދިއުމަށް އެއްވެސް ހުރަހެއް ދިވެހި ސަރުކާރުން ނާޅުއްވާނެކަމަށެވެ. އަދި ދެ ޤައުމުގެ ފަރުދުންގެ މެދުގައި އޮތް ގުޅުމަށް ހުރަސް އެޅޭފަދަ ކަމެއް ސަރުކާރުން ނުކުރައްވާނެކަމަށެވެ.

ރާއްޖެއާއި ޤަތަރާ ދެމެދު ޤާއިމްކުރެވިފައި އޮތް ސިޔާސީ ގުޅުން ދިވެހި ސަރުކާރުން ކަނޑާލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ސަރުކާރުގެ މި ނިންމުމަކީ، ޓެރަރިޒަމަށް ޒީރޯ ޓޯލަރެންސް ދިނުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށާއި، ޓެރަރިޒަމަށް ބާރުލިބޭ ގޮތަށް ޢަމަލުތައް ބަހައްޓާ ޤައުމުތަކާއި، ޖަމިއްޔާތަކާމެދު އިތުރު ވިސްނުމަކުން ވިސްނަމުންދާ ކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މި ނިންމެވުމަކީ ޤަޠަރާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ނިންމެވި ނިންމެވުމެއް ނޫންކަމަށާއި، އެޤައުމާއެކު ދިވެހިރާއްޖެއިން ޤާއިމުކުރައްވާފައިވާ ވިޔަފާރީގެ ގުޅުން ކުރިއެކޭވެސް އެއްގޮތަށް ދެމިއޮންނާނެ ކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ޤަލްފު ސަރަޙައްދުގައި ހަމަނުޖެހުން އުފެއްދުމަށް ޤަތަރުން މަސައްކަތް ކުރަމުންދާކަމަށް ބުނެ ސައޫދީ ޢަރަބިއްޔާ، ބަޙްރައިން، މިޞްރު، ޔަމަން، އަދި ލީބިޔާ ފަދަ އަރަބި އިސްލާމީ ޤައުމުތަކާއި ބައެެއް ޖަމްޢިއްޔާތަކުންވެސް ވަނީ ޤަޠަރާއެކު އޮތް ގުޅުން ކަނޑާލާފައެވެ.